އެމެރިކަން ސެންޓަރ މޯލްޑިވްސް އާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގުޅިގެން، އެމެރިކާގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުސަތުތައް ކިޔައިދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިޔަށް ގެންދިޔަ މި ސެޝަންގައި ގައުމީ ޔުނިވަރސިޓީގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ސެޝަން ނަންގަވައިދެއްވީ އެމެރިކާގެ ޕަބްލިކް އެފެއާޒް އޮފިސަރ ލޭންސް އެރިކްސަންއެވެ.


މި ސެޝަންގައި ވާހަކަދައްކަވަމުން އެރިކްސަން ވިދާޅުވީ އެމެރިކާގެ ޔުނިވަރސިޓީތަކަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ޔުނިވަރސިޓީތަކެއް ކަމަށާއި، އެގޮތުން ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ ޔުނިވަރސިޓީތަކުގެ ތެރެއިން 8 ޔުނިވަރސިޓީއަކީ އެމެރިކާގެ ޔުނިވަރސިޓީތަކެއް ކަމަށެވެ.
މީގެ އިތުރުން އެރިކްސަން ވިދާޅުވީ އެމެރިކާގެ ޔުނިވަރސިޓީތަކުގައި ތަފާތު އެކި ދާއިރާތަކުން އެ ދާއިރާތަކުގެ ޕްރޮފެސަރުންގެ ތަޖުރިބާތައް އުނގެނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ވަކިން ހާއްސަކޮށް ގާނޫނީ ދާއިރާ އާއި ތިމާވެށީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާތައް ފާހަގަކޮށްލެވޭ ކަމަށް އެރިކްސަން ވިދާޅުވިއެވެ.





