ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އެނުއަލް ކޮމިއުނިޓީ ޓްރިޕް 2021 ކ. ހިންމަފުށީގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކޮވިޑް-19 ގެ ސަބަބުން އެއް އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރު ޓްރިޕް ދިޔުމަށް ނިންމިއިރު، މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އެމް.އެން.ޔޫ.އެސް.ޔޫއިން ވަނީ ކޮމިއުނިޓީ ޓްރިޕްތައް ބާއްވާފައެވެ.
ހޮނިހިރު ދުވަހު ހިންމަފުށީގައި ބޭއްވި އެނުއަލް ކޮމިއުނިޓީ ޓްރިޕްގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ކ. ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒް ވިދާޅުވީ، ހިންމަފުށިން އަބަދުވެސް އެމް.އެން.ޔޫ.އެސް.ޔޫއަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި އުންމީދަކީ ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ގިނަ ހަރަކާތްތައް އެމް.އެން.ޔޫ.އެސް.ޔޫއިން ހިންމަފުށީގައި ބޭއްވުން ކަމަށް ފާއިޒް ވިދާޅުވިއެވެ.


މިއަހަރުގެ ކޮމިއުނިޓީ ޓްރިޕްގައި ހިންމަފުށީ ކައުންސިލުން ބައިވެރިވިއެވެ. މީގެ އިތުރުން ކޮމިއުނިޓީ ޓްރިޕްގައި ހިންމަފުށީގެ ދެ ޖަމިއްޔާއަކުން ވެސް ވަނީ ބައިވެރިވެފައެވެ. އެއީ ހިންމަފުށީ ޔޫތް އެސޯސިއޭޝަން އަދި މިނިވަން ފަރު ޖަމިއްޔާއެވެ. އަދި އެ ޖަމިއްޔާތަކުން ވަނީ ބޭއްވުނު އެކިއެކި ސެޝަންތަކުގައި އެމް.އެން.ޔޫ.އެސް.ޔޫ މެމްބަރުންނާއެކު ބައިވެރިވެފައެވެ. އެކަން ފާހަގަކޮށް ހިންމަފުށީ ކައުންސިލަށާއި، މިދެ ޖަމިއްޔާއަށް އެމް.އެން.ޔޫ.އެސް.ޔޫ އިން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
މީގެ އިތުރުން މިއަހަރުގެ ޓްރިޕަށް އެމް.ޑަބްލިއު.އެސް.ސީ އާއި އެމެރިކަން ސެންޓަރ މޯލްޑިވްސްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.


މިއަހަރުގެ ދަތުރުގައި ވަނީ ހިންމަފުށީގެ ގޮނޑުދޮށާއި ފުޓުބޯޅަ ދަނޑު ސަރަހައްދުގައި ކުނި ނެގުމުގެ ހަރަކާތެއް ބާއްވާފައެވެ. އެގޮތުން އެ ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގާ ރައްކާތެރި ގޮތުގައި އުކާލާފައިވެއެވެ.


މީގެ އިތުރުން ޓީމް ބިލްޑިންގ ކުޅިވަރުތަކާއި، އިންޓްރޮޑަކްޝަން ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.


އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ އެނުއަލް ކޮމިއުނިޓީ ޓްރިޕަކީ ދަރިވަރުންނަށް އުފާވެރި މާހައުލެއްގައި މާލެއިން ބޭރު ރަށެއްގައި ކޮމިއުނިޓީ ހަރަކާތެއް ބޭއްވުމުގެ އިތުރުން ޓީމް ބިލްޑިންގ ހަރަކާތްތައް ބޭއްވުމުގެ މަގުސަދުގައި ބާއްވާ ދަތުރެކެވެ.





