ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ޓެލެންޓް ޝޯވ ދި ނެކްސްޓް ލެވަލްގެ އެންމެ މޮޅު ގޮތްޕަކަށް ސޮސައިޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް) ހޮވިއްޖެއެވެ.
މި މުބާރާތުގެ ވަނަވަނައަށް ދިޔަ އައިޓަމްތަކާއި ގޮފިތަކަށް އިނާމުދީފައިވަނީ ހޮނިހިރު ދުވަހު ބޭއްވުނު އެމް.އެން.ޔޫ.އެސް.ޔޫ އެވޯޑް ނައިޓްގައެވެ.
މިއަހަރުގެ ޝޯވގެ އެންމެ މޮޅު ގޮތްޕަކަށް ހޮވިފައިވަނީ ޝެޓްސްއެވެ. ދެވަނައަށް އެންމެ މޮޅު ގޮތްޕަކީ ފެކަލްޓީ އޮފް އޮފް އެޑިއުކޭޝަންގެ ގޮފި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އެވެ. ތިންވަނައަށް ދިޔައީ އެމް.އެން.ޔޫ. ބިޒްނަސް ސްކޫލުގެ ގޮފި ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އެވެ.


މި މުބާރާތުގެ އެންމެ މޮޅު އައިޓަމަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ މެޖިކް ޝޯވއެވެ. ދެވަނައަށް ދިޔައީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ނެށުން ”ވަޒަން“ އެވެ. އަދި ތިންވަނައަށް ދިޔައީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑްރާމާ ”ޣާއިރާ“ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ނުވަވަނަ އަހަރީ ދުވަހާ ގުޅިގެން މިއަހަރު ބޭއްވި މި ޝޯވ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. މި ޝޯވ އަކީ ދަރިވަރުންގެ ހުނަރުތައް ވާދަވެރި މާހައުލެއްގައި ދައްކާލުމުގެ ގޮތުން ބާއްވާ ޝޯވއެކެވެ. އެގޮތުން މި ޝޯވގައި ކޮންމެ ގޮތްޕަކަށްވެސް ދެ ހަރަކާތެއް ހުށަހެޅުމަށް ފުރުސަތު ވަނީ ދީފައެވެ.





