ބިޔަ ރާޅާއެކުވެސް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ނުވަވަނަ ދައުރު ކާމިޔާބުކަމާއެކު ނިންމާލެވުނީ ދަރިވަރުންގެ ޔޫނިއަންގެ މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށް ނުވަވަނަ ދައުރުގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވެއްޖެއެވެ.
3 ޑިސެމްބަރު 2021 ވަނަ ދުވަހުގެރޭ އެމް.އެން.ޔޫ.އެސް.ޔޫގެ 10 ވަނަ ދައުރު އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހުނީޒް ވިދާޅުވީ، ނުވަވަނަ ދައުރުން އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގުމާއި ހަވާލުވީ ކޮވިޑްގެ ހާލަތުގައި ވަނިކޮށް ކަމަށާއި، އަދި ކޮވިޑްގެ ސަބަބުން ޔޫނިއަންއިން ހިންގަމުން އަންނަ ބައެއް ހަރަކާތްތައް ފަސްކުރަން ޖެހުނު ކަމަށެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތުން އަރައިގަނެ ގިނަ ހަރަކާތްތަކެއް ހިންގިފައިވާނެ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
ޝަހުނީޒް ވިދާޅުވީ، ނިމިދިޔަ ދައުރަކީ ޔޫނިއަނުން ދަރިވަރުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށާއި، އެގޮތުން ނިމިދިޔަ އަހަރު އެޕީލް ކޮމެޓީގައި ދަރިވަރުންގެ ހައްގުގައި ވަކާލާތު ކޮށްފައިވާނެ ކަމަށެވެ. އަދި ފެކަލްޓީތަކުން އުސޫލުން ބޭރުގައި ކޮށްފައި ހުރިކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
ޝަހުނީޒް ވިދާޅުވީ، ނުވަވަނަ ދައުރުން ބެލީ ކުރިން ޔޫނިއަންއިން ހިންގާ ހަރަކާތްތަކުގެ އިތުރަށް ހަރަކާތްތައް ބޭއްވުމުގެ ބަދަލުގައި އެ ހަރަކާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި ޔޫނިއަންގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލެވުނީ ލީޑާސް ގްރޫޕްގެ މެމްބަރުންނާއި، ގޮފިތަކުގެ އެހީތެރިކަމާއެކުގައި ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބެލީ ޔޫނިއަންއިން ހިންގަމުން އައި ހަރަކާތްތައް އިތުރު ކުރުމަށްވުރެ ކުރިން ހިންގަމުންދިޔަ ހަރަކާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް. އަދި އެކަން ކުރެވުނީ ޔޫނިއަންގެ ލީޑާސް ގްރޫޕްގެ މެމްބަރުންނާއި، ގޮފިތަކުގެ މެމްބަރުންގެ ދެއްވި އެއްބާރުލުމާއިއެކު“
ޝަހުނީޒް ވަނީ އެމް.އެން.ޔޫ.އެސް.ޔޫއިން ވޭތުވެދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތްތައް ކާމިޔާބު ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 2018 ވަނަ އަހަރު އުފެއްދި ލީޑާސް ގްރޫޕަކީ ކާމިޔާބުގެ ފެށުން ކަމަށް ޝަހުނީޒް ވިދާޅުވިއެވެ. އަދި ޔޫނިއަންގެ 10 ވަނަ ދައުރުގެ ހުރިހާ މެމްބަރުންނަކީވެސް ލީޑާސް ގްރޫޕުން އުފެދުނު ތަރިން ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
10 ވަނަ ދައުރުގެ ރައީސް ހުސައިން ޒައިދަށް ތައުރީފް ކުރައްވަމުން ޝަހުނީޒް ވިދާޅުވީ، އެމަނިކުފާނަށް ދަތިވި ވަގުތު މަސައްކަތްތައް ބެލެހެއްޓެވީ ޒައިދު ކަމަށާއި، ޒައިދުގެ ލީޑާޝިޕްގެ ދަށުން ޔޫނިއަންއަށް ފާގަތި ދުވަސްތަކެއް ފެނިވަޑައިގަންނަވާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
މީގެއިތުރުން ޝަހުނީޒް ވިދާޅުވީ، ޔޫނިއަންއިން ގައުމުގެ އަސްދަނޑިން ބޭރަށްދާން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެގޮތުން ހަވާޑް ޔުނިވަރސިޓީގެ ޕްރޮޖެކްޓް ފެށިފައިވާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ސަގާފަތް ދިރުވާއާލާ ކުރުމުގެ ބޭނުމުގައި ސަގާފީ ހަރަކާތްތަކެއް ހިންގިފައިވާ ކަމަށާއި، އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕަށް ބޮޑު ކުރިއެރުމެއް ގެނިވިފައިވާ ކަމަށާއި އަދި ކަލްޗަރަލް ޑާންސް ގްރޫޕެއް ފުރަތަމަ ފަހަރަށް އުފެއްދިފައިވާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.
ރައީސް ޝަހުނީޒަކީ ޔޫނިއަންގެ 10 ވަނަ ދައުރުގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރެކެވެ. މީގެ ކުރިން 2018 އަދި 2019 ވަނަ އަހަރު ޔޫނިއަންގެ ޚަޒާންދާރުގެ މަގާމު ޝަހުނީޒް އަދާކުރެއްވިއިރު، ޖެހިގެން އައި 2019 ވަނަ އަހަރު ޔޫނިއަންގެ ނައިބު ރައީސް (ގޮފިތައް) މަގާމުއަދާކުރެއްވިއެވެ.





