ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒްގެ އެހީތެރިކަން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
3 ޑިސެމްބަރު 2021 ވަނަ ދުވަހުގެރޭ ބޭއްވުނު އެމް.އެން.ޔޫ.އެސް.ޔޫ 10 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އެމް.އެން.ޔޫ.އެސް.ޔޫ ހިންގަމުން އަންނަނީ ހީކުރިވަރަށްވުރެ ފުރިހަމައަށް ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑްގެ ހާލަތަކީ ރާއްޖެއިން ދަރުމަވެރި މަސައްކަތައް އެންމެ ބޭނުންވި ވަގުތު ކަމަށާއި، އެ ދަނޑިވަޅު ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުގެ މެމްބަރުން ކުރެއްވި މަސައްކަތައް ޝުކުރުއަދާކުރައްވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ދަރިވަރެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު ދުވަސްވަރަކީ ޔުނިވަރސިޓީގައި ހޭދަކުރާ ދުވަސްތައް ކަމަށާއި، އެ ދުވަސްތަކަކީ އެތަކެއް ފިލާވަޅުތަކެއް ލިބޭނެ ދުވަސްތަކެއް ކަމަށެވެ. އަދި ކްލާސް ރޫމަށްވުރެ ކްލާހުން ބޭރުގައި ލިބޭ ފިލާވަޅުތައް ގިނަ ވާނެ ކަމަށާއި، އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ތަރުޖަމާނުގެ މަގާމު ލިބުމާއެކު އެންމެ ބޮޑު އިސްކަމެއްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫ އާއިއެކު އޮތް ގުޅުން ބަދަހި ކުރުމަށް ކަމަށެވެ. އަދި ކުރިޔަށް އޮތް ދައުރު އެމް.އެން.ޔޫ.އެސް.ޔޫއަށް މަބްރޫކްގެ އެހީތެރިކަން ފުރިހަމައަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
”ކޮވިޑްގެ ހާލަތުގައި އަޅުގަނޑު ތަރުޖަމާނަކަށް އައިސް އެންމެ ފުރަތަމަވެސް ބެލީ ސްޓޫޑެންޓް ޔޫނިއަން އާއި ގުޅުން ބަދަހި ކުރުމަށް. އަޅުގަނޑު މިއަދު ޒައިދަށް ޔަގީންކަން އަރުވަން މި ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން“
ގައުމީ ޔުނިވަރސިޓީގެ ހިންގުމަށް ތައުރީފް ކުރައްވާ މަބްރޫކް ވިދާޅުވީ، އެބޭފުޅާ ދައްކަވަންހުރި ވަރަށް ގިނަ ވާހަކަތައް ދެއްކެން ނެތް ކަމަށާއި، އެއަށްވުރެ ފުރިހަމައަށް ޔޫނިއަން ހިންގަމުންދާކަމަށެވެ.
މަބްރޫކްވަނީ ޔޫނިއަންގެ ހަރަކާތްތައް އެމް.އެން.ޔޫގައި ބޭއްވުމުގެ ބަދަލުގައި އެ ހަރަކާތްތައް އެމް.އެން.ޔޫއިން ބޭރުގައި ގައުމީ ފެންވަރުގައި މިހާރަށްވުރެ ފުރިހަމައަށް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އަކީ ދަރިވަރުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށާއި، ޔޫނިއަންއަށް އަބަދުވެސް ފާގަތި ދުވަސްތަކަކަށް އެދޭކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫއަށް ރައީސް އޮފީހުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، ކޮވިޑްގެ ހާލަތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ދަރުމަވެރިންނަށް ”އެކޮމަޑޭޝަން“ ހަމަޖައްސައިދީފައިވެއެވެ.





