ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފިތަކުގެ ހިންގާ ކޮމިޓީ އިންތިޚާބުގެ ވޯޓުލުން ފެބުރުވަރީ 17ވާ ބުރާސްފަތި ދުވަހު ކުރިއަށް ދާނެއެވެ.
މިފަހަރުގެ އިންތިޚާބުގައި އެއް ފަރާތަށްވުރެ ގިނަ ފަރާތް ކުރިމަތިލައިގެން ވޯޓަކަށް ގޮސްފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގައި ޤާއިމު ކުރެވިފައިވާ ތަރަހަ ގޮފީގެ ނައިބު ރައީސް (ޢިލްމީ)ގެ މަޤާމާއި ނައިބު ރައީސް (އިތުރު ޙަރަކާތް)ގެ މަޤާމުގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ޤާއިމުކުރެވިފައިވާ ގޮފި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ މީޑިއާ ކޯޑިނޭޓަރކަމުގެ މަޤާމެވެ.
ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 08.00ން މެންދުރު 02.00އަށެވެ.
ވޯޓުލުމަށް ބެހެއްޓޭ 2 ފޮށި ވެސް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އޭ ބްލޮކް ކުރިމައްޗަށްވާ ގޮތަށް އޮންނަ ސަރަޙައްދުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް ކުރިމަތިލުމަށް ހުޅުވާލީ ފެބުރުވަރީ 03 ން 10 އަށެވެ. މާލޭ ކެމްޕަސް ގޮފިތަކުގެ ތެރެއިން ޖުމްލަ 4 މަޤާމެއް ފިޔަވައި ބާކީ މަޤާމުތައް މިހާރު ވަނީ ކަށަވަރުވެފައެވެ. 3 މަޤާމެއް ވޯޓަކަށް ގޮސްފައިވާއިރު، 1 މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ. އަތޮޅު ތެރޭ 4 ގޮފީގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތުވެސް ވަނީ ފެބުރުވަރީ 17ގެ ނިޔަލަށް އިތުރު ކުރެވިފައެވެ.