ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފިތަކުގެ އައު ހިންގާ ކޮމެޓީގެ 70 އިންސައްތަ ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ޖައިޝް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގެ އައު ހިންގާ ކޮމެޓީ އިފްތިތާޙްކުރުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖައިޝް ވިދާޅުވީ، އަންހެން ދަރިވަރުން ބާރުވެރި ކުރުމަށް އެމް.އެން.ޔޫ.އެސް.ޔޫއިން ކުރި މަސައްކަތް ކާމިޔާބުވެއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޖައިޝް ފާހަގަކުރީ، މިދައުރުގެ ހިންގާ ކޮމެޓީތަކުގެ 70 އިންސައްތަ ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމުގައި ވުމެވެ.
”އެމް.އެން.ޔޫ.އެސް.ޔޫ އިން އަންހެން ދަރިވަރުން ބާރުވެރި ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެއްޖެ ކަމުގެ އިހުސާސް އަޅުގަނޑަށް މިރޭ އެބަ ކުރެވޭ. ސަބަބަކީ މި ދައުރު ގޮފިތަކާއި ހަވާލުވި ދަރިވަރުންގެ ތެރެއިން 70 އިންސައްތަ ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމުގައިވުން“
ޖައިޝް ވިދާޅުވީ ގޮފިތަކުގައި 70 އިންސައްތަ އަންހެން ދަރިވަރުން ހިއްސާކުރާއިރު، ރައީސުންގެ ގޮތުގައި 60 އިންސައްތަ ދަރިވަރުން މަގާމާއި ހަވާލުވެފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖައިޝް އިތުރަށް ވިދާޅުވީ، އެމް.އެން.ޔޫ.އެސް.ޔޫ ކުރިއަރައި ދިއުމުގައި ގޮފިތަކާއި ލީޑާސް ގްރޫޕުން ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރާ ކަމުގައެވެ. އަދި ގޮފިތަކަށް މިއަހަރު ނުހޮވުނު ދަރިވަރުންވެސް ގިނަ ފުރުސަތުތަކެއް އޮންނާނެ ކަމަށާއި، އެމް.އެން.ޔޫ.އެސް.ޔޫ އަކީ ދަރިވަރުންނަށް ފުރުސަތު ބަންދުވާނެ ތަނެއް ނޫން ކަމުގައި ޖައިޝް ވިދާޅުވިއެވެ.
ކުޅިވަރުގެ ހަރަކާތްތަކާއި އެއްވަރަށް ކޮންމެ ގޮތްޕަކުންވެސް އިލްމީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޖައިޝް ވަނީ އެދިފައެވެ.
މީގެ އިތުރުން ޖައިޝް ވިދާޅުވީ، ގޮފިތަކެކޭ އެއްވަރަށް އެމް.އެން.ޔޫ.އެސް.ޔޫ ލީޑާސް ގްރޫޕަކީވެސް މުހިންމު ގްރޫޕެއް ކަމަށާއި، އެގޮތުން ޔޫނިއަނުން ހިންގާ އެކިއެކި ހަރަކާތްތައް ހިންގުމުގައި ލީޑާސް ގްރޫޕުން ކުރަމުން ގެންދާ މަސައްކަތަކީ ޔޫނިއަނުން އެކަމުގެ އަގު ވަޒަން ކުރާ ކަންކަން ކަމަށެވެ.
ހޮނިހިރު ދުވަހުގެރޭ އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަސްތަކުގެ ގޮފިތައް އިފްތިތާޙްކުރެވިގެންދިޔައިރު، އަންނަ މާރިޗު މަހުގެ 5 ވަނަ ދުވަހު އަތޮޅު ކެމްޕަސްތަކުގެ ގޮފިތައް އިފްތިތާޙްކުރެވިގެންދާނެއެވެ.





