ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ދެވަނައަށް އެންމެ މަތީ ޝަރަފު، މަރްޙޫމް އަޙްމަދު ޢަބްދުﷲ ނަޞީރުގެ ހަނދާނުގައިދެވޭ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު، ދިވެހިރާއްޖޭގެ ޒުވާނުންގެ ޤައުމީ މަޖިލީހުގެ ރައީސް އަލްފާޟިލް ޙަސަން ފަރުޙާން މުޙައްމަދަށް އަރުވައިފިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ދެވަނައަށް އެންމެ މަތީ ޝަރަފުގެ އިނާމު ފަރުހާން އަށް އަރުވާފައިވަނީ 19ފެބުރުވަރީ 2022ވީ ހޮނިހިރު ދުވަހުގެ ރޭ ސީއޭ އޮޑިޓޯރިއަމްގައި ބޭއްވުނު ގޮފިތަކުގެ ހިންގާ ކޮމެޓީގެ މަޤާމުތައް ހަވާލުކުރެވުނު ރަސްމިއްޔާތުގައެވެ. މި އިނާމު ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް ޙުސައިން ޒައިދެވެ.
އަލްފާޟިލް ޙަސަން ފަރުހާން މުޙައްމަދަކީ ފާއިތުވެދިޔަ ދުވަސްތަކުގައި އެމް.އެން.ޔޫ.އެސް.ޔޫއަށް ތަފާތު ގިނަ ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތެކެވެ. މިގޮތުން އެމް.އެން.ޔޫ.އެސް.ޔޫ ބީ.އެސް.އެސް.އޭ ފޯރަމްގައި ދެއްވި އެހީތެރިކަމާއި، ޔޫތު ލީޑަރސް ނެޓްވޯކްގެ ރައީސްކަމުގައި ހުންނެވިއިރު ފަރުހާންގެ ފަރާތުން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށްލެވެއެވެ.
މަރުޙޫމު އަޙްމަދު ޢަބްދުﷲ ނަޞީރުގެ ހަނދާނުގައިދެވޭ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމަކީ އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގްރޫޕްގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އެމް.އެން.ޔޫގެ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރެއް ކަމައްވާ ހދ.ކުޅުދުއްފުށީ އަރުޝީ އަލް މަރްޙޫމް އަޙްމަދު ޢަބްދުﷲ ނަޞީރުގެ ހަނދާނުގައިދެވޭ އިނާމެކެވެ.