ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހަށް އަލަށް ގުޅުނު ދަރިވަރުންނަށް ”ފްރެޝާސް ނައިޓް“ ބާއްވައިފިއެވެ.
ކުޅުދުއްފުށީ ކެމްޕަހުގެ އޯޕަން އޭރިއާގައި ކުރިއަށް ދިޔަ މި ހަފްލާގައި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް ހުސައިން ޒައިދާއި ސެކްރެޓަރީ މަނާލް އަޙްމަދު ވަނީ ބައިވެރިވެފައެވެ.


މި ހަފްލާގައި ރައީސް ޒައިދާއި ސެކްރެޓަރީ މަނާލް ވާހަކަދައްކަވާފައިވާއިރު، ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު ޑރ. ޢުމަރު ވެސް ވާހަކަ ދައްކަވާފައިވެއެވެ. ކެމްޕަސް މެނޭޖަރުގެ ވާހަކަފުޅުގައި އިތުރު ޙަރަކާތްތައް ރާވާ، ބައިވެރިވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ.
04 މާރިޗުވީ ހުކުރުދުވަހުގެރޭ ކުރިއަށްދިޔަ މި ހަފްލާގައި ޓީމް ބިލްޑިންގގެ ތަފާތު އެކި ގޭމުތައް ކުޅެވިފައިވެއެވެ. މި ހަރަކާތް ނިމިގެންދިޔައީ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖްމަންޓުގެ ފަރާތުން ދެއްވި ފަރިއްކޮޅަކުންނެވެ.


މި ހަރަކާތް އިންތިޒާމު ކުރެވިފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ކެމްޕަސް ދަތުރުތަކާ ގުޅުވާ އެމް.އެން.ޔޫ.އެސް.ޔޫ އާއި ކުޅުދުއްފުށީ ކެމްޕަސް ގުޅިގެންނެވެ.
އަތޮޅުތެރޭ ކެމްޕަސްތަކަށް އަހަރަކު އެއްފަހަރު ކުރެވޭ ކެމްޕަސް ދަތުރުތަކަކީ ސިލްސިލާ ގޮތެއްގައި 2018 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިޔަށް ގެންދާ ދަތުރުތަކެކެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު މެދުކެނޑުނުކަމުގައިވިޔަސް މިދިޔަ އަހަރު މި ދަތުރުތައް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.





