އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަރިވަރުންގެ ޔޫނިއަން (އައި.ޔޫ.އެމް.އެސް.ޔޫ) އިން ބާއްވާ ހޭންޑްބޯލް ފިއެސްޓާގައި ފަހަތުން އަރައި ކްލިކް ކޮލެޖު ބަލިކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ސެމީއާ ގާތަށް ޖެހިލައިފިއެވެ.
އަންހެން ޑިވިޝަނުގެ ދެވަނަ މެޗުގައި އެމް.އެން.ޔޫ އިން ކްލިކް ކޮލެޖާއި ދެކޮޅަށް ނުކުތީ އާދީއްތަ ދުވަހުގެ ހަވީރުއެވެ. މި މެޗު އެމް.އެން.ޔޫ އިން ކާމިޔާބުކުރީ ފަހަތުން އަރައި 16-07 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ކްލިކުން އެމް.އެން.ޔޫގެ ހާފަށް ބާރުބޮޑުކޮށް ގިނަ ލަނޑުތަކެއް ވަނީ ޖަހައިފައެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމް.އެން.ޔޫ އިން ވަނީ ކުޅުން ރަނގަޅުކޮށް ލީޑު ނަގައިފައެވެ.
މެޗުގެ ފަހު ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އެމް.އެން.ޔޫއިންނެވެ. އަދި މި ހާފުގައި އެމް.އެން.ޔޫ އިން ވަނީ ގިނަ ލަނޑުތަކެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް.އެން.ޔޫގެ ޖާޒީ ނަމްބަރު 11 ފިރުޝާނާ ނަސީރުއެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗުގައި އެމް.އެން.ޔޫގެ ފިރިހެން ޓީމު އަންގާރަ ދުވަހުގެ ހަވީރު ނުކުންނާނީ މެޕްސް ކޮލެޖާއި ދެކޮޅަށެވެ. މި މެޗު ފަށާނީ އަންގާރަ ދުވަހުގެ ހަވީރު 04:15 ގައެވެ.