ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ލީޑަރސް ގްރޫޕާ އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވި ލީޑަރސް ނައިޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ހުކުރު ދުވަހުގެރޭ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ބޭއްވުނު ލީޑަރސް ނައިޓުގައި 60 ށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި، އެޑްވައިޒަރީ ބޯޑުގެ މެމްބަރުންގެ އިތުރުން ލީޑަރސް ގްރޫޕްގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ މެމްބަރުން ވަނީ ޔޫނިއަން އަށް އަލަށް ގުޅުނު ދަރިވަރުންނަށް ތައާރަފްވެ ވާހަކަ ދައްކާފައެވެ.
މި ލީޑާރސް ނައިޓުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ދަރިވަރުންނަށް ހުރި ފުރުސަތުތަކުގެ އިތުރުން މި ޓާރމުގައި ކުރުމަށް ރޭވިފައި ހުރި ބައެއް ހަރަކާތްތައް ވަނީ ކިޔައިދީފައެވެ. އަދި ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫއިން ސިލްސިލާގޮތެއްގައި ބާއްވަމުން ގެންދާ ލީޑަރސް ނައިޓަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން ހިންގަމުން ގެންދާ ހަރަކާތްތައް އައު ލީޑަރުންނަށް ކިޔައިދިނުމަށާއި، އެމް.އެން.ޔޫ.އެސް.ޔޫގެ މެމްބަރުންނާއެކު އައު ލީޑަރުން ތަފާތު މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ ހަރަކާތެކެވެ.