ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2022″ގެ ޓައިޓްލް ސްޕޮންސަރއަކަށް އެމް.ޔޫ ސްޓޯރގެ ”ލެކްނޯ“ ބްރޭންޑް ހަމަޖައްސައިފިއެވެ.
ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށް ޚާއްޞަކޮށް 15 ސެޕްޓެންބަރުވީ ބުރާސްފަތިދުވަހުގެ ހެނދުނު އެމް.އެން.ޔޫ ސެމިނަރ ރޫމުގައި ބޭއްވި ހަފްލާއެއްގައެވެ.
އެމް.ޔޫ ސްޓޯރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މާކެޓިންގ މެނޭޖަރ ޢަލީ ސިޔާމް ޙަސަން އެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޙުސައިން ޒައިދެވެ.
ޓައިޓްލް ސްޕޮންސަރ ހަމަޖެހުމާއެކު، މިއަހަރުގެ ފުޓްސަލް ފިއެސްޓާ ބޭއްވޭނީ ”ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2022″ގެ ނަމުގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަވަސް މުސްތަޤްބަލެއްގެ ތެރޭގައި ހުޅުވާލެވޭނެއެވެ.


އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.