ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ”ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2022“ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ޓީމު ލިސްޓް ފޯމު އަދި މުބާރާތުގެ ޤަވާޢިދު މި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން ލިބެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީޚަކީ 25 ސެޕްޓެންބަރެވެ. އަދި ޓީމު ލިސްޓް ފޯމު 02 އޮކްޓޯބަރުގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ. ރެޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު ހުށަހަޅަން ޖެހޭނީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހަށެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވިދާނެއެވެ. އެމް.އެން.ޔޫ.އެސް.ޔޫގެ އީމެއިލް އަކީ studentunion@mnu.edu.mv އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމް.ޔޫ ސްޓޯރުގެ ”ލެކްނޯ“ ބްރޭންޑެވެ.