ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ ލީޑަރސް ނައިޓްގެ 2022 ވަނަ އަހަރުގެ ހަތަރުވަނަ ހަރަކާތް ބާއްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެންބަރު 16ވީ ހުކުރުދުވަހުގެރޭ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އޮޑިޓޯރިއަމްގައެވެ. މި ހަރަކާތުގައި 50 ށްވުރެ ގިނަ އާ މެންބަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ޔޫނިއަންގެ ހިންގާ ކޮމިޓީ މެންބަރުންނާއި ކުރީގެ ހިންގާ ކޮމިޓީތަކުގެ ބައެއް މެންބަރުން އަދި އެޑްވައިޒަރީ ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަމަ އެހެންމެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފްވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެލައްވާފައެވެ.
މި ހަރަކާތުގައި ޔޫނިއަންގެ ހަރަކާތްތަކުގެ ތައާރަފު ދިނުމުގެ އިތުރުން، ލީޑަރސް ގްރޫޕްގެ ބޭނުމާއި ލީޑަރސް ގްރޫޕްގައި މަސައްކަތް ކުރަންވީ ގޮތް މެންބަރުންނާ ވަނީ ހިއްސާކުރެވިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫއިން ސިލްސިލާގޮތެއްގައި ބާއްވަމުން ގެންދާ ލީޑަރސް ނައިޓަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން ހިންގަމުން ގެންދާ ހަރަކާތްތައް އައު ލީޑަރުންނަށް ކިޔައިދިނުމަށާއި، އެމް.އެން.ޔޫ.އެސް.ޔޫގެ މެމްބަރުންނާއެކު އައު ލީޑަރުން ތަފާތު މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ ހަރަކާތެކެވެ.