ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.
އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކޭކު ފެޅުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ނޮވެންބަރު 6 ވީ އާދީއްތަދުވަހުގެ ހަވީރެވެ. މި ހަރަކާތުގައި ކޭކު ފެޅުމުގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ އިން ސިލްސިލާ ގޮތެއްގައި ނެރެމުން އަންނަ ”ދަންމަރު“ މަޖައްލާގެ ވޮލިއުމް 1 ގެ ފޮތް އެމް.އެން.ޔޫއަށް ވަނީ ހަވާލުކޮށްފައެވެ. މި ފޮތް ހަވާލުކުރީ ދަރިވަރުންގެ ޔޫނިއަންގެ ރައީސް ހުސައިން ޒައިދެވެ. އަދި ފޮތާ ހަވާލުވެލެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.
ދަރިވަރުންގެ ޔޫނިއަންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 3 ގައި ”އެކުވެރި މައިދާން“ގެ ނަމުގައި ޢާއިލީ ހަވީރެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ނޮވެންބަރު 12 ވާ ހޮނިހިރުދުވަހުގެރޭ ”އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދަ ނެކްސްޓް ލެވެލް“ގެ ނަމުގައި ޓެލެންޓް ޝޯވ އެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ”ވެށިސާފު“ގެ ނަމުގައި ސާފުކުރުމުގެ ހަރަކާތެއް ޑިސެންބަރު 10ގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ އަހަރީ ދުވަހަކީ 2012 ނޮވެންބަރު 6 އެވެ.