ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އަރުވާ ދެވަނައަށް އެންމެ މަތީ ޝަރަފު، ”މަރްޙޫމް އަޙްމަދު ޢަބްދުﷲ ނަޞީރުގެ ހަނދާނުގައި ދެވޭ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު“ 9 ފަރާތަކަށް އަރުވައިފިއެވެ.
މި އިނާމު 9 ފަރާތަކަށް އަރުވާފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހު ކުރުމަށް ހުކުރުދުވަހުގެރޭ އެމް.އެން.ޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށްދިޔަ ހަފްލާއެއްގައެވެ.
މި ހަފްލާގައި މި ޝަރަފު އަރުވާފައިވަނީ އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން ކަމުގައިވާ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް، ޙުސައިން ހަލީމް، އަދި ޢާއިޝަތު ޝާހީން އިސްމާޢީލްގެ އިތުރުން، ޑީން އޮފް ސްޓޫޑެންޓްސް އާޝިޔާ ލީލާ އަހްމަދު، އެމް.އެން.ޔޫ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ ޑރ. އާމިނަތު ޝިޔާމާ، އެމް.އެން.ޔޫ ޓްރެއިނިންގ މެނޭޖަރ ފާޠިމަތު އަހްލާމް ނިޔާޒް، ޑެޕިއުޓީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މުޙައްމަދު ސަމީރު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަރީފް ނަފީސް އަދި މެންހަޓަން ބިޒްނަސް ހޮޓެލްގެ ރެޒިޑެންޓް މެނޭޖަރ އިލްހާދު އިބްރާހީމަށެވެ.މި ޝަރަފު އަރުވާދެއްވީ ދަރިވަރުންގެ ޔޫނިއަންގެ ނައިބު ރައީސް (ޢިލްމީ) އަޙްމަދު އިޔާޒް އަދި ނައިބު ރައީސް (އިތުރު ޙަރަކާތް) ސުޢައިދު ޔޫނުސެވެ.


ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ މަތީ ޝަރަފަކީ ދަރިވަރުންގެ ޔޫނިއަންއަށް ތަފާތު އެކި ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް އެރުވޭ ޝަރަފުގެ އިނާމެކެވެ. މި އިނާމު ތަޢާރަފު ކުރެވިފައިވަނީ 2018 ވަނަ އަހަރެވެ. މި އިނާމަކީ ދަރިވަރުންގެ ޔޫނިއަންގެ އިސްވާރެއްގެ ގޮތުގައި މަސައްކަތްކުރި، އަލް މަރްޙޫމް އަޙްމަދު ޢަބްދުﷲ ނަޞީރު (އަރުޝީ / ހދ. ކުޅުދުއްފުށި)ގެ ހަނދާނުގައިދެވޭ އިނާމެކެވެ.






