ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދަ ނެކްސްޓް ލެވެލް“ގެ އެއްވަނަ އައިޓަމަކަށް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ”މާ“ އަދި އެއްވަނަ ފެކަލްޓީއަކަށް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ހޮވިއްޖެއެވެ.
މި ހަރަކާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހު ކުރުމަށް ހުކުރުދުވަހުގެރޭ އެމް.އެން.ޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށްދިޔަ ހަފްލާއެއްގައެވެ.


ނެކްސްޓް ލެވެލް ޝޯވގެ ވަކިވަކި އައިޓަމްތަކުގެ ދެވަނަ އަށް ދެ އައިޓަމް ވަނީ ގޮސްފައެވެ. އެއީ އެފް.އެޗް.ޓީ.އެސްގެ ”ބްލެކް ފަޔާ“ އަދި ހަމަ އެ ފެކަލްޓީގެ ”އިސްލާހު“ އެވެ. ވަކިވަކި އައިޓަމްތަކުން ތިންވަނަ އަށް ގޮސްފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ”ޖިސްމު ބައި ސުހާ“ އެވެ.
މި ޝޯވގެ ދެވަނަ ފެކަލްޓީ އަކަށް ހޮވުނީ ސީ.އެފް.އެސް އެވެ. އަދި ތިންވަނަ ފެކަލްޓީއަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.
ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލު ކޮށްދެއްވީ މުބާރާތުގެ ފަނޑިޔާރު ޝަރަފުލް އަމީރެވެ.
މި ޝޯވ އަކީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދެވޭ ޝޯވ އެކެވެ. ޝޯވގެ ފަނޑިޔާރުކަން ކުރެއްވީ ވަން ޝޮޓް އެންޓަޓައިންމެންޓްގެ ސީ.އީ.އޯ ޝަރަފުލްއަމީރު (ކުޑަ ރިޗާޑު)، ލަވަ ކިޔުންތެރިޔާ އަދި އެމް.އެން.ޔޫގެ ދަރިވަރު ޝާން ޝަރީފް އަދި ޔޫތު ލީޑަރސް ނެޓްވޯކް (ވައި.އެލް.އެން)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ޒުމްބާ އިންސްޓްރަކްޓަރ ޢާއިޝަތު ގާހިރެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދަ ނެކްސްޓް ލެވެލް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމަށް ހުޅުވާލާ މަންސައެކެވެ. މީގެ ފުރަތަމަ މުބާރާތް ބޭއްވުނީ 2019 ވަނަ އަހަރުކަމަށްވާއިރު، ދެވަނަ މުބާރާތް ކުރިއަށްދިޔައީ 2021 ވަނަ އަހަރެވެ. މިއަހަރު މި ބޭއްވުނީ މީގެ ތިންވަނަ މުބާރާތެވެ.






