ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 2022 ވަނަ އަހަރުގެ އެވޯޑް ނައިޓް ބާއްވައިފިއެވެ.
މި ހަފްލާ ބާއްވާފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހު ކުރުމަށް ހުކުރުދުވަހުގެރޭ އެމް.އެން.ޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށްދިޔަ ހަފްލާއާ އެކުގައެވެ.
މި ހަފްލާގައި ދަރިވަރުންގެ ޔޫނިއަންގެ އިސްވާރުންގެ އިނާމު 124 ދަރިވަރަކަށްދީފައިވާއިރު، ”މަރްހޫމް އަހްމަދު މުހައްމަދުގެ ހަނދާނުގައިދެވޭ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު“ 58 ދަރިވަރަކަށް ވަނީ ދީފައެވެ.


އިސްވާރުންގެ އިނާމު ހަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ކުރީގެ ޑީން އޮފް ސްޓޫޑެންޓްސް ނާދިޔާ އަޙްމަދު، އެމް.އެން.ޔޫ ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ ޑރ. އާމިނަތު ޝިޔާމާ، އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަލް އުސްތާޛް ޢަލީ ރަޝީދު، އެމް.އެން.ޔޫ ހެޑް އޮފް އައިޓީ ޙަސަން މަލާޒް އަދި މެންހަޓަން ބިޒްނަސް ހޮޓެލްގެ ރެޒިޑެންޓް މެނޭޖަރ އިލްހާދު އިބްރާހީމެވެ.
ދަރުމަވެރިންގެ އިނާމު ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރުން ކަމުގައިވާ ޙުސައިން ހަލީމް އަދި ޢާއިޝަތު ޝާހީން އިސްމާޢީލްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މުޙައްމަދު ސަމީރެވެ.
ދަރިވަރުންގެ ޔޫނިއަންގެ އިސްވާރުންގެ އިނާމަކީ ކޮންމެ އަހަރަކުވެސް އެމް.އެން.ޔޫ.އެސް.ޔޫ އިން ދެމުންގެންދާ އިނާމެކެވެ. މި އިނާމު ދެވެނީ އަހަރުގެ ތެރޭގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ ތަފާތު ހިތްވަރެއް ދައްކަމުންދާ ދަރިވަރުންނަށެވެ. މި އިނާމު ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ.
ދަރުމަވެރިންގެ އިނާމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައިންސްގައި ބެޗްލަރސް އޮފް ސައިންސް ކިޔަވަމުންދަނިކޮށް، ދިމާވި ހިތާމަވެރި ހާދިސާއެއްގައި 2017 ވަނަ އަހަރު މި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ، ހދ. ނޮޅިވަރަމް، ހިތަށްފިނިވާގޭ އަލް މަރްޙޫމް އަޙްމަދު މުޙައްމަދުގެ ހަނދާނުގައިދެވޭ އިނާމެކެވެ. މި އިނާމު ތަޢާރަފުކުރެވުނީ 2018 ވަނަ އަހަރެވެ. މި އިނާމު ދެވެނީ ދެމެހެއްޓެނިވި ގޮތުގައި ޚިދުމަތް ކުރަމުން އަންނަ އިސްވާރުންނަށެވެ.






