ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އަލަށް ތަޢާރަފުކުރި ”އިޖުތިމާޢީ ޚިދުމަތުގެ އިނާމު“ ނުވަތަ ”ކޮމިއުނިޓީ އެކްސަލަންސް އެވޯޑު“ 25 ދަރިވަރަކަށް ދީފިއެވެ.
މި އިނާމުތައް ދީފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހު ކުރުމަށް ހުކުރުދުވަހުގެރޭ އެމް.އެން.ޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށްދިޔަ ހަފްލާގައެވެ.
މި ހަފްލާގައި މި އިނާމުތައް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ ޑީން އޮފް ސްޓޫޑެންޓްސް އާޝިޔާ ލީލާ އަހްމަދު އަދި ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.


މި އިނާމަކީ ދަރުމަވެރިންގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމާ ދެމެދަށް ތަޢާރަފު ކުރެވުނު އިނާމެކެވެ. މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ދެމިހުންނަނިވި ގޮތުގައި ޚިދުމަތްކުރަމުން އަންނަ ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ އަދި މިހާރުގެ މެންބަރުންނަށެވެ. މި އިނާމު ވެގެންދާނީ ދަރިވަރުންގެ ޔޫނިއަން އިން އަރުވާ 3 ވަނަ އަށް އެންމެ މަތީ ޝަރަފަށެވެ.






