ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން މެންބަރުން ލިބިގަންނަނީ މުޅީން އާ ތަޖުރިބާތަކަކާއި ޚިޔާލުތަކެއް ކަމަށް ދަރިވަރުންގެ ޔޫނިއަންގެ 7 ވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން ޢާމިރު ވިދާޅުވެއްޖެއެވެ.
ޝާން މިހެން ވިދާޅުވީ ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހު ކުރުމަށް ހުކުރުދުވަހުގެރޭ އެމް.އެން.ޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށްދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ޝާން ފާހަގަކުރެއްވި ގޮތުގައި ދިރިއުޅުމުގެ މައިދާނަށް މީހަކު އެކަނި މާއެކަނި ނިކުންނައިރު، ޔޫނިއަންފަދަ ޖަމިއްޔާ ޖަމާއަތްތަކުން ލިބޭ ތަޖުރިބާ އަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި އެވޯޑުފަދަ ތަކެއްޗަކީ އެހާ މުހިއްމު އެއްޗެއް ނޫންކަމަށާއި، މުހިއްމު ކަމަކީ މީހަކު ކޮށްދޭ ކަންކަމުގެ އަގު ވަޒަން ކުރުމުގައި ޝާން އިތުރަށް ފާހަގަކުރެއްވިއެވެ.
ޝާންގެ ވާހަކައިގައި، ދަރިވަރުންގެ ޔޫނިއަންގެ އެވޯޑުތަކަށް އަލިއަޅުވާލާފައިވާއިރު، 11 ވަނަ ދައުރަށް އިންތިޚާބުވީ މެންބަރުންނަށްވެސް ވަނީ އިލްތިމާސްތަކެއް ކުރައްވާފައެވެ. އެގޮތުން، ދަރިވަރުންގެ ޔޫނިއަން ފަދަ ބޮޑު ޖަމިއްޔާއެއްގެ ހިންގާ ކޮމިޓީ މަޤާމެއް އަދާކުރާއިރު ދިރިއުޅުމުގެ ބައެއް ކަންކަން ޤުރުބާން ކުރަންޖެހިދާނެ ކަމަށާއި، ވެރިންނަކީ މެންބަރުންގެ ޚާދިމުކަން ހަނދާނުގައި ބެހެއްޓުމަށް ޝާން ވަނީ އާ ހިންގާ ކޮމިޓީގެ މެންބަރުންނަށް ހަނދާންކޮށްދެއްވާފައެވެ.
ޝާން އަކީ ދަރިވަރުންގެ ޔޫނިއަންގެ 7 ވަނަ ދައުރުގެ ރައީސްގެ އިތުރުން 6 ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރެވެ. އަދި މިހާރު އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާއިރު، ޔޫނިއަންގެ މީޑިއާ ޓީމާއެކު ގިނަ މަސައްކަތްތަކެއް ޝާން ކުރައްވައެވެ.






