މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އާއި ދަ އޭޝިއާ ފައުންޑޭޝަން ގުޅިގެން އިންތިޒާމުކުރާ ”އެކްސްޕޯޝާ ޓްރިޕް“ އަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ނައިބު ރައީސް (އިތުރު ހަރަކާތް) މާޒިން މުޙައްމަދު އިންޑޮނޭޝިއާއަށް ދަތުރުކޮށްފިއެވެ.
މި ދަތުރަކީ ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ، ހިއުމަންރައިޓްސް އެންޑް ލޭބަރގެ ފަރާތުން ސްޕޮންސަރކޮށްފައިވާ ދަތުރެކެވެ.
މި ދަތުރުގެ ބައިވެރިން އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި ދަ އޭޝިއާ ފައުންޑޭޝަން އިންޑޮނޭޝިއާ އާއި ކެމިޓްރާން، އިމާމް އިސްތިޤްލާލްގެ އިތުރުން އިންޑޮނޭޝިއަން ފެމިލީ ޕްލޭނިންގ އެސޯސިއޭޝަނާ ބައްދަލުކުރާނެއެވެ. އަދި ހަމަ އެހެންމެ، އިންޑޮނޭޝިއަން ލީގަލް އެއިޑް ފައުންޑޭޝަންގެ އިތުރުން ބޮގޮރ ސިޓީގެ މޭޔަރާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.
ޖަނަވަރީ 22 ން 29ށް ކުރިއަށްދާ މި ދަތުރުގައި ދަތުރުގެ ބައިވެރިން ބޮގޮރ ސިޓީގެ ޕްރެޒިޑެންޝިއަލް ޕެލެސް އަދި އެ ސިޓީގެ ޔޫތު އެންޑް ސްޕޯޓްސް އޮފީހަށް ޒިޔާރަތް ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ދަރިވަރުންގެ ޔޫނިއަން އަށް ލިބޭ މިފަދަ ފުރުޞަތުތަކުގައި ޔޫނިއަންގެ ހަރަކާތްތެރި މެންބަރުންނަށް މީގެ ކުރިންވެސް ގިނަ ފުރުޞަތުތައް ދެވިފައިވެއެވެ. އަދި މިހާރުވެސް ޔޫނިއަނުން އަންނަނީ މިފަދަ ފުރުޞަތުތައް މެންބަރުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.






