އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި ސްކޫލް އޮފް މެޑިސިން އިން ކުޅުނު ތިންވަނަ މެޗުގައި ފެކަލްޓީ އޮފް އާރޓްސްގެ މައްޗަށް ކުރިހޯދައިފި އެވެ.
ހޮނިހިރުދުވަހު ހަވީރު ކުޅުނު މި މެޗުގެ އަންހެން ޑަބަލްސް ގޭމު އެސް.އެމް އިން ކާމިޔާބު ކުރީ 15-12 އަދި 15-9 ން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި އެސް.އެމް އިން ކުޅުނީ ސާޖިޔާ ޢަލީ އަދި ޢާއިޝަތު ޒީނާ ޢަބްދުލްމަޖީދުގެ ޕެއާ ކަމަށްވާއިރު އެފް.އޭ އިން ކުޅުނީ އިބާ އިސްމާޢީލް އަދި ޢާއިޝަތު ފަރީހާގެ ޕެއާ އެވެ.
ފިރިހެން ސިންގަލްސް ގޭމުގައި އެސް.އެމްގެ ޙުސައިން އައްޒާމު ގޭމު ކާމިޔާބުކުރީ ފަސޭހަކަމާއެކު 15-2 އަދި 15-0ން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި އެފް.އޭ އިން ކުޅުނީ މުޙައްމަދު ސިދާފު އިބްރާހީމެވެ.
ފިރިހެން ޑަބަލްސް ގޭމު ކާމިޔާބުކުރީ އެފް.އޭ އިންނެވެ. މި ގޭމުގައި އެފް.އޭ އިން ކުޅުނީ ސުޢައިދު ޔޫނުސް އަދި މާޒިން މުޙައްމަދެވެ. އެސް.އެމް އިން ކުޅުނީ މުނީބު އިސްމާޢީލް މުޙައްމަދު އަދި ސައިފުﷲ މުސްލިމެވެ. މި ގޭމު އެފް.އޭ އިން ކާމިޔާބުކުރީ 15-6 އަދި 15-10 ސެޓުތައް ގެންގޮސްގެންނެވެ.
އަންހެން ސިންގަލްސް ގޭމުގައި އެސް.އެމްގެ ނަދާ ޙުސައިން ގޭމު ކާމިޔާބު ކުރީ 15-12ން ދެ ސެޓުވެސް ކާމިޔާބުކޮށްގެންނެވެ. މި ގޭމުގައި އެފް.އޭ އިން ކުޅުނީ އާމިނަތު ޒާއިން އެވެ.
ފަހު ގޭމު ކަމަށްވާ މިކްސްޑް ޑަބަލްސް ގޭމު އެސް.އެމް އިން ކާމިޔާބު ކުރީ 15-2 ން ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މި ގޭމުގައި އެފް.އޭ އިން ކުޅުނީ މުޙައްމަދު އުލްވާން މުއާޒު އަދި މަރިޔަމް ނައުހާ އިބްރާހީމް ކަމަށްވާއިރު، އެސް.އެމް އިން ކުޅުނީ މުޙައްމަދު ރާއިފް އީސާ އަދި މަރިޔަމް ނަސްމާގެ ޕެއާ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






