އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން ސްކޫލް އޮފް މެޑިސިން (އެސް.އެމް) ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މި މެޗުގެ އަންހެން ޑަބަލްސް ގޭމު އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބު ކުރީ އަމްނާ އާދަމް ނަޞީރު އަދި މަރިޔަމް ނިހާގެ ޕެއާ ކުޅެން ނިކުމެ، ދެ ސެޓު އެއްސެޓުގެ ނަތީޖާ އަކުންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު އެސް.އެމްގެ ސާޖިޔާ ޢަލީ އަދި ޢާއިޝަތު ޒީނާ ޢަބްދުލްޖަލީލުގެ ޕެއާ އިން 15-6 ގެ ނަތީޖާއަކުން ގެންގޮސްފައިވަނިކޮށް، ދެން ކުޅުނު ދެ ސެޓު އެމް.އެން.ޔޫ.ބީ.އެސް އިން ގެންދިޔައީ 15-8 އަދި 15-11ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ފިރިހެން ސިންގަލްސް ގޭމު އެމް.އެން.ޔޫ.ބީ.އެސްގެ އަޙްމަދު ސާޖިދު މުޙައްމަދު ޠަލާލް ކާމިޔާބު ކުރީ ދެ ސެޓު ވެސް 15-9ގެ ނަތީޖާއަކުން ގެންގޮސްގެންނެވެ. މި ގޭމުގައި އެސް.އެމް އިން ކުޅުނީ ޙުސައިން އައްޒާމެވެ.
ފިރިހެން ޑަބަލްސް ގޭމު އެމް.އެން.ޔޫ.ބީ.އެސްގެ އަޙްމަދު ސަމީހު އަދި މުޙައްމަދު ނާފު ޢަބްދުﷲ ނަޢީމްގެ ޕެއާ އިން ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 15-3 އަދި 15-2ގެ ނަތީޖާއަކުން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި އެސް.އެމް އިން ކުޅުނީ މުނީބު އިސްމާޢީލް މުޙައްމަދު އަދި އަޙްމަދު ޔަޒްދާންގެ ޕެއާ އެވެ.
މެޗުގެ އަންހެން ސިންގަލްސް ގޭމުވެސް އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބުކުރީ ފަސޭހަކަމާއެކުގައެވެ. އެސް.އެމްގެ ނަދާ ޙުސައިނާ ވާދަކޮށް ފިރުޝާނާ ނަސީރު މި ގޭމުގެ ދެ ސެޓުވެސް ގެންދިޔައީ 15-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަހު ގޭމު ކާމިޔާބު ކުރީ އެސް.އެމް އިންނެވެ. މިގޮތުން މިކްސްޑް ޑަބަލްސް ގޭމުގައި އެސް.އެމްގެ މުޙައްމަދު ރާއިފް ޢީސާ އަދި މަރިޔަމް ނަސްމާ ވަނީ ތަފާތު ބޮޑުކޮށް 15-2 އަދި 15-4 ން ސެޓުތައް ގެންގޮސްފައެވެ. މި ގޭމުގައި އެމް.އެން.ޔޫ.ބީ.އެސް އިން ކުޅެފައިވަނީ ޝާލިޔާ އަޙްމަދު އަދި ޝައިހާން އަޙްމަދުގެ ޕެއާ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






