އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ސްކޫލް އޮފް ނާރސިންގ (އެސް.އެން)ގެ މައްޗަށް ކުރިހޯދައިފިއެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު ސީ.އެފް.އެސް އިން ކާމިޔާބު ކުރީ 3-2 ންނެވެ.
މި މެޗުގެ އަންހެން ޑަބަލްސް ގޭމު ކާމިޔާބު ކުރީ އެސް.އެންގެ ފާޠިމަތު ލުހާ އަރީފް އަދި ޢާއިޝަތު ޝިރާ ޙަސަންގެ ޕެއާ އިންނެވެ. މި ޕެއާ އިން މި ގޭމުގެ ސެޓުތައް ގެންދިޔައީ 15-6 އަދި 15-13 ންނެވެ. މި ގޭމުގައި ސީ.އެފް.އެސް އިން ކުޅުނީ ޢާއިޝަތު އިރަމް ސަލީމް އަދި އާމިނަތު ނަދާ އިސްމާޢީލްގެ ޕެއާ އެވެ.
ފިރިހެން ސިންގަލްސް ގޭމު ގެންދިޔައީ ސީ.އެފް.އެސް އިންނެވެ. ސީ.އެފް.އެސްގެ އަލީ ނަވީހު މި ގޭމުގެ ސެޓުތަކުން މޮޅުވީ 15-8 އަދި 15-7 ންނެވެ. މި ގޭމުގައި އެސް.އެން އިން ކުޅުނީ މުޙައްމަދު ރަޝީދެވެ.
މެޗުގެ ނަތީޖާ 1-1 ން ހަމަހަމަވެފައި ވަނިކޮށް، ފިރިހެން ޑަބަލްސް ގޭމު ކާމިޔާބުކޮށް ސީ.އެފް.އެސް އިން ވަނީ ގޭމުގެ ލީޑު ނަގާފައެވެ. މި ގޭމުގެ ފުރަތަމަ ސެޓު ސީ.އެފް.އެސްގެ މުޙައްމަދު އަނޫފް އިބްރާހީމް އަދި ޒައިން ޢަބްދުﷲ ޖަމީލްގެ ޕެއާ އިން 15-11ން ކާމިޔާބުކޮށްފައި ވަނިކޮށް، އެސް.އެންގެ އިބްރާހީމް ވިޝާހު އަދި އަލްވިން ލަޠީފްގެ ޕެއާ އިން ވަނީ ދެވަނަ ސެޓު 15-4ން ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ނަތީޖާ ނެރުމަށް ކުޅުނު ސެޓު ސީ.އެފް.އެސް އިން ކާމިޔާބު ކުރީ 15-12 ންނެވެ.
މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަވީ، އެސް.އެން އިން އަންހެން ސިންގަލްސް ގޭމު ކާމިޔާބު ކުރުމުންނެވެ. މި ގޭމުގައި އެސް.އެންގެ ޢާއިޝަތު ޖިހާން ވަނީ ގޭމުގެ ސެޓުތައް 15-4 އަދި 15-2 ން ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މި ގޭމުގައި ސީ.އެފް.އެސް އިން ކުޅުނީ ނުސްރާ ސަޢީދެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު މިކްސްޑް ޑަބަލްސް ގޭމު ސީ.އެފް.އެސް އިން ކާމިޔާބު ކުރީ 15-12 އަދި 15-7 ން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި ސީ.އެފް.އެސް އިން ކުޅުނީ ވިޝާހު އަޙްމަދު އަދި ޢާއިޝަތު މާހާ ނަސީމުގެ ޕެއާ ކަމަށްވާއިރު، އެސް.އެން އިން ކުޅުނީ އަލީ ވިޒާމް އަދި ޢާއިޝަތު އިފާގަތު ޢަލީގެ ޕެއާ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






