އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މި މެޗުގެ އަންހެން ޑަބަލްސްގައި ސީ.އެފް.އެސްގެ ނުސްރާ ސަޢީދު އަދި ފާޠިމަތު ރީމްގެ ޕެއާ އިން ވަނީ ފެސްޓުގެ ޢާއިޝަތު ރަނާ އަދި މަރިޔަމް ރިޝްމީގެ ޕެއާގެ މައްޗަށް 15-3 އަދި 15-9 ގެ ސެޓުތަކަކުން ކުރިހޯދައިފައެވެ.
މެޗުގެ ފިރިހެން ސިންގަލްސް ކާމިޔާބުކުރީ ފެސްޓުގެ ޝަފާޒު ނަޖީބެވެ. ޝަފާޒު ފުރަތަމަ ސެޓު 15-10 ން ގެންގޮސްފައިވަނިކޮށް ސީ.އެފް.އެސްގެ ޢަލީ ނަވީހު ވަނީ ދެވަނަ ސެޓު 15-12 ން ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ޝަފާޒު ކާމިޔާބުކުރީ 15-13 ންނެވެ.
މި މެޗުގެ ފިރިހެން ޑަބަލްސްގައި ސީ.އެފް.އެސްގެ ޒައިން ޢަބްދުﷲ ޖަމީލް އަދި މުޙައްމަދު އަނޫފް އިބްރާހީމްގެ ޕެއާ އިން ފެސްޓުގެ އިބްރާހީމް ފައިރޫޝް އަދި މޫސާ މައުމޫންގެ ޕެއާގެ މައްޗަށް ކުރިހޯދީ 15-7 އަދި 15-8ގެ ނަތީޖާއަކުންނެވެ.
އަންހެން ސިންގަލްސް ގޭމު ސީ.އެފް.އެސްގެ ނަދާ އިސްމާޢީލް ކާމިޔާބުކުރީ 15-1 އަދި 15-0ގެ ނަތީޖާއަކުން ފަސޭހަކަމާއެކުގައެވެ. މި ގޭމުގައި ފެސްޓުން ކުޅުނީ ޒީން ޢަލީ މުޙައްމަދެވެ.
މި މެޗުގެ މިކްސްޑް ޑަބަލްސްގެ ފުރަތަމަ ސެޓު ފެސްޓުގެ އާސިރު ޢަބްދުއްޞަމަދު އަދި އީމާން އަޙްމަދުގެ ޕެއާ އިން 15-6 ން ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ ދެން ކުޅުނު ދެ ސެޓު ކާމިޔާބުކުރީ ސީ.އެފް.އެސްގެ ވިޝާހު އަޙްމަދު އަދި އާމިނަތު އިރަމް ސަލީމްގެ ޕެއާ އެވެ.
ސީ.އެފް.އެސް އިން ސެމީފައިނަލުގައި ބައްދަލުކުރަން ޖެހޭނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






