ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް) އިން ގުޅިގެން އިންތިޒާމު ކުރި ”އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް މުބާރާތް 2023″ގެ ޓީމު އިވެންޓުގެ ޗެންޕިއަންކަން ސްކޫލް އޮފް ނަރސިންގ އިން ހޯދައިފިއެވެ.
މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ދިޔަ މި މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލުގައި ދެން ވާދަކުރީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.
މި މުބާރާތުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ ސްކޫލް އޮފް ނާރސިންގެ ޢާއިޝަތު ޝާރިފާކަމަށްވާއިރު، ރަނަރއަޕް އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ފާޠިމަތު މާސާ ސަޢީދެވެ. އަދި ތިންވަނަ އަކީ ސްކޫލް އޮފް ނާރސިންގެ ނަޒާހާ އިބްރާހީމެވެ.


މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެންޕިއަންކަން ހޯދީ ފެކަލްޓީ އޮފް އާރޓްސްގެ އާދަމް ޝާއިއު އެވެ. މި ޑިވިޝަނުގެ ރަނަރއަޕަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޝުހާދު ޒަމީރުކަމަށްވާއިރު، ތިންވަނަ އަކީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ސުޢައިދު ޔޫނުސެވެ.
މި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ޓްރޮފީ އާއި ހަނދާނީ ލިޔުންދީފައިވަނީ 1444 ވަނަ އަހަރު ރަމަޟާންމަހު ޔޫނިއަން އާއި ބައެއް ގޮފިތަކުން ގުޅިގެން ހިންގި ހަރަކާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. ކެރަމް މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދިނީ ކެރަމް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ޙުސައިން ރައުޝާނެވެ.
1444 ވަނަ އަހަރުގެ ރަމަޟާންމަހު ދަރިވަރުންގެ ޔޫނިއަން އިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގާފައެވެ. މިގޮތުން، އެމް.އެން.ޔޫ.އެސް.ޔޫ ދީނީ ސުވާލު މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރްއާން މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ސިއާ މަދަހަ މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ބީ.އެސް.އެސް.އޭ ފީފާ މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް މުބާރާތުގެ އިތުރުން މުޅީން އަލަށް ފެށި އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް ހިމެނެއެވެ.






