ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ)އާ ގުޅިގެން ބޭއްވި 5 ވަނަ ”އެމް.އެން.ޔޫ.އެސް.ޔޫ ސިއާ މަދަޙަ މުބާރާތް 1444″ގެ އެއްވަނަ އަށް ސްކޫލް އޮފް ނާރސިންގެ ޢާއިޝަތު ނަދާ ހޮވުނުއިރު، އެންމެ މޮޅު ފެކަލްޓީ އަކަށް ފެކަލްޓީ އޮފް އެޑިއުކޭޝަން ހޮވިއްޖެއެވެ.
މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ދިޔަ މި މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ފެކަލްޓީ އަކީ ސްކޫލް އޮފް ނާރސިންގ ކަމަށްވާއިރު ތިންވަނަ އަށް އެންމެ މޮޅު ފެކަލްޓީ އަކީ ސްކޫލް އޮފް މެޑިސިން އެވެ.
މި މުބާރާތުގެ ގްރޫޕް މަދަހަ ކެޓަގަރީން އެއްވަނަ ހޯދީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ގްރޫޕް 1 އެވެ. އަދި ދެވަނަ ހޯދީ ސްކޫލް އޮފް ނާރސިންގެ ގްރޫޕް 1 ކަމަށްވާއިރު ތިންވަނަ ހޯދީ ސްކޫލް އޮފް މެޑިސިންގެ ގްރޫޕް 1 އެވެ.


މުބާރާތުގެ ވަކިވަކި ދަރިވަރުންގެ ބައިން ނަދާ އެއްވަނަ ހޯދިއިރު، ދެވަނަ އަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޙުސައިން ސަމްޙާނެވެ. ތިންވަނަ އަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މުޙައްމަދު ނާބިތު އަޙްމަދު ކަމަށްވާއިރު ހަތަރުވަނަ އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ސުހާ އަޙްމަދެވެ. އަދި ފަސްވަނަ އަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ މަރިޔަމް އީނާސް އެވެ.
މި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ޓްރޮފީ އާއި ހަނދާނީ ލިޔުންދީފައިވަނީ 1444 ވަނަ އަހަރު ރަމަޟާންމަހު ޔޫނިއަން އާއި ބައެއް ގޮފިތަކުން ގުޅިގެން ހިންގި ހަރަކާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މަދަޙަ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދިނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ޖައިޝް ޢަލީ ވަޙީދެވެ.
1444 ވަނަ އަހަރުގެ ރަމަޟާންމަހު ދަރިވަރުންގެ ޔޫނިއަން އިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގާފައެވެ. މިގޮތުން، އެމް.އެން.ޔޫ.އެސް.ޔޫ ދީނީ ސުވާލު މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރްއާން މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ސިއާ މަދަހަ މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ބީ.އެސް.އެސް.އޭ ފީފާ މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް މުބާރާތުގެ އިތުރުން މުޅީން އަލަށް ފެށި އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް ހިމެނެއެވެ.






