އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ ފުރަތަމަ މެޗުގައި ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގެ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)ގެ މައްޗަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)ން ކުރިހޯދައިފިއެވެ.
މޭ 15 ވީ ހޯމަދުވަހުގެރޭ 08:30ގައި ފެށި މި މެޗު ފެސްޓުން ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފެސްޓުން 25-23ން ކާމިޔާބުކޮށްފައިވަނިކޮށް، ސީ.އެފް.އެސް އިން ވަނީ ދެވަނަ ސެޓު 25-19 އިން ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ފެސްޓުން ކާމިޔާބުކުރީ 15-9ގެ ނަތީޖާއަކުންނެވެ.
މި ޑިވިޝަނުގެ ގްރޫޕް އޭގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދާނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






