އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް)ގެ މައްޗަށް ސްކޫލް އޮފް ނާރސިންގ (އެސް.އެން) އިން ކުރިހޯދައިފިއެވެ.
މޭ 17 ވީ ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު އެސް.އެން އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އެސް.އެން އިން ކާމިޔާބު ކުރީ 26-24ން ކަމަށްވާއިރު ދެވަނަ ސެޓު ކާމިޔާބު ކުރީ 25-15 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.އެންގެ ޖަރޒީ ނަންބަރު 2 ޢަލީ ވިޒާމެވެ.
މި ޑިވިޝަނުގެ ގްރޫޕް ބީ ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ސްކޫލް އޮފް މެޑިސިން (އެސް.އެމް) އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އެވެ. އެ ދެ ޓީމު ކުޅުނު މެޗު ކާމިޔާބު ކުރީ އެސް.އެމް އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






