އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ އަންހެން ޑިވިޝަންގެ ގްރޫޕް ބީގެ ފަހު މެޗުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)ގެ މައްޗަށް ކުރިހޯދާ ސްކޫލް އޮފް ނާރސިންގ (އެސް.އެން) އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެއި 19 ވީ ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު އެސް.އެން އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް އެސް.އެން އިން ގެންދިޔައީ 25-23 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.އެންގެ ޖަރޒީ ނަންބަރު 11 ސުމާ އިބްރާހީމެވެ.
މި ނަތީޖާއާއެކު އެސް.އެން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މި ގްރޫޕުން ދެވަނައިގައި ސެމީ ފައިނަލަށް ދަތުރު ކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އެވެ.
ސެމީ ފައިނަލުގައި އެސް.އެން ވާދަކުރާނީ ގްރޫޕް އޭގެ ދެވަނަ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް)އާއެވެ. އަދި އެފް.އީ ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)އާއެވެ. އަންހެން ޑިވިޝަންގެ ސެމީ ފައިނަލު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރުދުވަހުގެ ރެޔެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






