އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަންގެ ދެވަނަ ސެމީ ފައިނަލުގައި ސްކޫލް އޮފް ނާރސިންގ (އެސް.އެން) ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެއި 21 ވީ އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުން ފެސްޓު މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-18، 25-17 އަދި 25-20 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެސްޓުގެ ޖަރޒީ ނަންބަރު 17 މުޙައްމަދު ސަމީނެވެ.
ފައިނަލުގައި ފެސްޓު ބައްދަލުކުރާނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)އާއެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ މެޗު 3-2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފެސްޓެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






