އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ އަންހެން ޑިވިޝަނުގެ ފައިނަލު މެޗުގައި ފަސޭހަކަމާއެކު ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)ގެ މައްޗަށް ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ސްކޫލް އޮފް ނާރސިންގ (އެސް.އެން) އިން މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ.
މެއި މަހުގެ 22 ވީ ހޯމަ ދުވަހު ހަވީރު ކުޅުނު މި މެޗު އެސް.އެން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެސް.އެން އިން ގެންދިޔައީ 25-09، 25-12 އަދި 25-07 ންނެވެ.
މިއީ އެސް.އެން އިން މުބާރާތުގެ ތަށި ހޯދި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2020 އަދި 2021 ވަނަ އަހަރު ތަށި ހޯދާފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






