އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގައި އަންގާރަދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަން މެޗުތަކުން އެމް.އައި ކޮލެޖު އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) މޮޅުވެއްޖެއެވެ.
އެމް.އައި ކޮލެޖު އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) ބައްދަލުކުރި މެޗު އެމް.އައި ކޮލެޖުން ކާމިޔާބު ކުރީ 6 – 1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނު އެމް.އައިގެ ޖަރޒީ ނަންބަރު 14 މުޙައްމަދު މިންވާލް ވަނީ ހަތަރު ގޯލު ޖަހާފައެވެ. އެމް.އައިގެ އަނެއް ގޯލުތައް ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 66 އަނަސް ޢަދުނާން އަދި ޖަރޒީ ނަންބަރު 9 ޙަސަން ސާމެވެ. އެފް.އެސް.އެލްގެ ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ޖަރޒީ ނަންބަރު 6 ޢަލީ ހަމޫދު މުޙައްމަދެވެ.
ފެސްޓު އަދި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ބައްދަލުކުރި މެޗު ފެސްޓުން ކާމިޔާބު ކުރީ 5 – 2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނު ފެސްޓުގެ ޖަރޒީ ނަންބަރު 14 މުޙައްމަދު މީސަމް މޫސާ ދެ ގޯލު ޖެހިއިރު، ފެސްޓުގެ ބާކީ ގޯލުތައް ޖަހާފައިވަނީ އެ ޓީމުގެ ޖަރޒީ ނަންބަރު 21 ފާތިރު އަޙްމަދު، ޖަރޒީ ނަންބަރު 5 މޫސާ މާހީ މުޙައްމަދު އަދި ޖަރޒީ ނަންބަރު 10 ޢަބްދުﷲ ފައިޒާނެވެ. ފެސްޓު ޓީމުގެ ޖަރޒީ ނަންބަރު 23 މުޙައްމަދު ޝަފުރާން އަތުން ބައިކޮޅަށް ގޯލެއް ވަދެފައިވާއިރު، އެފް.އޭގެ އަނެއް ގޯލު ޖެހީ އެފް.އޭގެ ޖަރޒީ ނަންބަރު 17 ޢަލީ އުދައްޔު އިބްރާހީމެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






