އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު އަންހެން ޑިވިޝަންގެ ގްރޫޕް ބީގެ މެޗު ކާމިޔާބުކޮށް ވިލާ ކޮލެޖު އެ ގްރޫޕްގެ އެއްވަނައިގައި އަދި ގްރޫޕް ސީގެ މެޗު އެއްވަރުކޮށް ސްކޫލް އޮފް ނާރސިންގ (އެސް.އެން) އެ ގްރޫޕްގެ ދެވަނައިގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވިލާ ކޮލެޖާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) ބައްދަލުކުރި މެޗު ވިލާ ކޮލެޖުން ކާމިޔާބުކުރީ 13 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ވިލާގެ ޖަރޒީ ނަންބަރު 21 އާމިނަތު އީމާން އަޙްމަދު ޒަޢީމް ވަނީ މެޗުގައި ހަތަރު ގޯލު ޖަހާފައެވެ. އަދި ވިލާގެ ޖަރޒީ ނަންބަރު 99 އިންޝާ ޢާމިރު ވަނީ މެޗުގައި ހެޓްރިކެއް ފުރިހަމަ ކޮށްފައެވެ. ވިލާ ކޮލެޖު ޓީމުގެ ޖަރޒީ ނަންބަރު 9 މަރިޔަމް ނިހާ ދެ ގޯލު ޖެހިއިރު، ޖަރޒީ ނަންބަރު 20 މަރިޔަމް ނިޝާނާ، ޖަރޒީ ނަންބަރު 18 ފާޠިމަތު އިރާޝީ، ޖަރޒީ ނަންބަރު 19 އަރީފާ ޢަބްދުﷲ އަދި ޖަރޒީ ނަންބަރު 23 ޙައްވާ ޝިއުނާ ވަނީ ކޮންމެ ކުޅުންތެރިޔަކުވެސް ގޯލެއް ޖަހާފައެވެ.
ސްކޫލް އޮފް ނާރސިންގ އާއި މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) ބައްދަލުކުރި މެޗު އެއްވަރުވީ 0 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.އެންގެ ޖަރޒީ ނަންބަރު 11 ފާޠިމަތު ޔަމްނާއެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






