އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގައި ހުކުރުދުވަހުގެރޭ ކުޅުނު ގްރޫޕްއޭގެ މެޗުތަކަށްފަހު ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އަދި މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސީ.އެފް.އެސް އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ބައްދަލުކުރި މެޗު 2 – 1 ން ކާމިޔާބުކުރީ އައި.ޔޫ.އެމް ކަމުގައިވީ ނަމަވެސް ގްރޫޕްގެ އެއްވަނަ ލިބެނީ ސީ.އެފް.އެސް އަށެވެ. އެއީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. އައި.ޔޫ.އެމް އޮތީ ތާވަލުގެ ތިންވަނައިގައި ހަތް ޕޮއިންޓާއެކުގައެވެ. ސީ.އެފް.އެސް އާ ބައްދަލުކުރި މެޗުގައި އައި.ޔޫ.އެމްގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެ ޓީމުގެ ޖަރޒީ ނަންބަރު 17 އަޙްމަދު ނަވީން އާދަމެވެ. ސީ.އެފް.އެސްގެ ގޯލު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 83 އަލްތާފް ރަޝާދެވެ.
އެމް.ބީ.އެސް އަށް ގްރޫޕްގެ ދެވަނަ ލިބުނީ ފަހު މެޗުގައި ކްލިކް ކޮލެޖުގެ މައްޗަށް 2 – 0ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި އެމް.ބީ.އެސްގެ ދެ ގޯލުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އެމް.ބީ.އެސްގެ ޖަރޒީ ނަންބަރު 9 މުޙައްމަދު އަސީލް އަޙްމަދެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






