އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގެ ފިރިހެން ޑިވިޝަނުގައި ހުކުރުދުވަހުގެރޭ ކުޅުނު ގްރޫޕް ބީގެ ފަހު މެޗުތަކަށްފަހު އެމް.އެން.ޔޫ ބިޒްނަަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އަދި މޯލްޑިވްސް ޕޮލިޓެކްނިކުން ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.
ހުކުރުދުވަހުގެރޭ އެމް.އެން.ޔޫ.ބީ.އެސް އާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ބައްދަލުކުރި މެޗު އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބުކުރީ 18 – 0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 8 އަޙްމަދު ރިޔުޝާން ވަނީ މި މެޗުގައި ހަތް ގޯލު ޖަހާފައެވެ. މީގެ އިތުރުން އެ ޓީމުގެ ޖަރޒީ ނަންބަރު 11 މުޙައްމަދު އަނާން ހެޓްރިކެއް ހެދިއިރު، ޖަރޒީ ނަންބަރު 10 އިސްމާޢީލް މާއިން މުޖުތަބާ ވަނީ ދެ ގޯލު ޖަހާފައެވެ. އެމް.އެން.ޔޫ.ބީ.އެސްގެ ބާކީ ގޯލުތައް ޖަހާފައިވަނީ އެ ޓީމުގެ ކީޕަރު މުޙައްމަދު އަރީން އަޙްމަދާއި، ޖަރޒީ ނަންބަރު 17 ރިލްވާން ޝަރީފާއި، ޖަރޒީ ނަންބަރު 27 މުޙައްމަދު ގައިޝް، ޖަރޒީ ނަންބަރު 3 ޙުސައިން އީމާން ޤާސިމް އަދި ޖަރޒީ ނަންބަރު 7 ޒައިޝަން އަޝްރަފެވެ.
ޕޮލިޓެކްނިކުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ވިލާ ކޮލެޖާ ކުޅުނު މެޗު އެއްވަރުކޮށްގެންނެެވެ. އެ މެޗުގައި ޕޮލިޓެކްނިކުގެ ގޯލު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 5 ޢަލީ ޝާހިލް މުޙައްމަދެވެ. އަދި ވިލާ ކޮލެޖުގެ ގޯލު ޖަހާފައިވަނީ އެ ޓީމުގެ ޖަރޒީ ނަންބަރު 20 ޔައިޝް މުޞްޠަފާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިލާ ކޮލެޖު ޓީމުގެ ޖަރޒީ ނަންބަރު 7 އިބްރާހީމް ނަދާދެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






