ލީޑަރޝިޕަކީ ފަރުދީ ކާމިޔާބެއް ނޫން ކަމަށާއި، އެއީ އެކުގައި މަސައްކަތްކޮށްގެން، ތަފާތު ނަޒަރިއްޔާތަކާއި ހުނަރުތައް ބޭނުންކޮށްގެން ގޮންޖެހުންތަކާ ކުތިމަތިލައި، މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތް ކުރުން ކަމަށް، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރު ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވެއްޖެ އެވެ.
ވައިސް ޗާންސެލަރ މިހެން ވިދާޅުވީ، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ ގޮފިތަކުގެ ހިންގާ ކޮމެޓީ އަށް އިންތިޚާބުވި މެމްބަރުންނަށް މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ.
ވައިސް ޗާންސެލަރގެ ވާހަކަގުޅުގައި ވަނީ، ޔުނިވަރސިޓީގެ ޙަޔާތުގައި ތަޢުލީމު ޙާޞިލު ކުރުމުގެ އިތުރުން، އެހެނިހެން އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ މައްޗަށް އަލި އަޅުވާލައްވައިފަ އެވެ. އަދި ލީޑަރޝިޕްގެ މުހިންމު ކަމަށާއި، އެކުގައި މަސައްކަތްކޮށް، ކަންކަން ކާމިޔާބު ކުރުމުގެ މައްޗަށް ވެސް ވަނީ އަލި އަޅުވާލައްވައިފަ އެވެ.
ވައިސް ޗާންސެލަރ ވިދާޅުވީ ޔުނިވަރސިޓީގެ ތަޢުލީމީ ދަތުރުގައި ތިބީ ހަމައެކަނި ޓެކްސްޓު ފޮތްތަކާއި، ލެކްޗަރ ހޯލުތަކުގެ ތެރެއިން ޢިލްމު ހޯދުމަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޔުނިވަރސިޓީގެ ފާރުތަކުގެ ބޭރުން، ދުނިޔޭގެ ދުވެލީގައި ދަތުރު ކުރުމަށް ތައްޔާރުވެފައިވާ މާދަމާގެ ލީޑަރުންނަށް ބައްޓަން ކުރާނެ ހުނަރާއި ސިފަތަކެއް އާލާ ކުރުމަށް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ތަޢުލީމީ ދަތުރުގައި އަޅުގަނޑުމެން މިތަނުގައި މިތިބީ، ހަމައެކަނި ޓެކްސްޓު ފޮތްތަކާއި، ލެކްޗަރ ހޯލުތަކުގެ ތެރެއިން ޢިލްމު ހޯދުމަކަށް ނޫން. އަޅުގަނޑުމެން މި ތިބީ، މި ޔުނިވަރސިޓީގެ ފާރުތަކުން ބޭރުގައި، ދުނިޔޭގެ ދުވެލީގައި ދަތުރު ކުރުމަށް ތައްޔާރުވެފައިވާ މާދަމާގެ ލީޑަރުންނަށް އަޅުގަނޑުމެން ބައްޓަން ކުރާނެ ހުނަރާއި ސިފަތަކެއް އާލާ ކުރުމަށް.“ ވައިސް ޗާންސެލަރ ޑޮކްޓަރު ޢައިޝަތު ޝެހެނާޒް ވިދާޅުވި އެވެ.
އެގޮތުން ދަރިވަރުންގެ ޖަމިއްޔާއެއް ލީޑު ކުރުމާއި، ރިސާޗް ޕްރޮޖެކްޓެއް އިސްކޮށް ހެދުމާއި، ނުވަތަ ކޮމިއުނިޓީ ސަރވިސް އިނީޝިއޭޓިވްއެއް އިންތިޒާމު ކުރުން ފަދަ ކަންކަމުގެ ތެރެއިން ލިބިގެންދާ ތަޖުރިބާގެ ސަބަބުން، މުއާސަލާތް ކުރުމާއި، ނިންމުންތައް ނިންމުމާއި، މައްސަލަ ޙައްލު ކުރުން ފަދަ ލީޑަރޝިޕްގެ މުހިންމު ހުނަރުތައް ތަރައްޤީ ވެގެންދާނެ ކަމަށް ވައިސް ޗާންސެލަރ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ލީޑަރޝިޕްގެ އިސްނެގުމުގައި ބެރިވެރިވުމަކީ، ދަރިވަރުންގެ ހުނަރުތައް އިތުރަށް ވަރުގަދަ ކުރުމާއި، ކިޔެވުމުގެ ޝައުޤުވެރިކަން އިތުރުވުމާއި، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވުމާއި، އެކުވެރިވެ އެއް ޢަމާޒަކަށް ގުޅިގެން މަސައްކަތް ކުރުމަށް މަގު ފަހު ކޮށްދޭ ކަމެއް ކަމަށް ވައިސް ޗާންސެލަރ ވިދާޅުވި އެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަސްތަކުގެ ގޮފިތައް އިފްތިތާޙްކުރެވިގެން ދިޔައިރު، ޖުމުލަ 60 ދަރިވަރަކަށް ވަނީ މަޤާމު ޙަވާލުކުރެވިފަ އެވެ. މާލޭގައި އެމް.އެން.ޔޫ.އެސް.ޔޫގެ 10 ގޮފި ޙަރަކާތްތެރިވާއިރު، އަތޮޅުތެރޭ ކެމްޕަސްތަކުގައި އިތުރު ހަތަރު ގޮފި ޙަރަކާތްތެރިވެ އެވެ.






