ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ ޓޯނަމަންޓް 2024“ ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ބައިވެރިވާ އަންހެން އަދި ފިރިހެން ޓީމުގެ ޖާރޒީ ހަވާލުކޮށްފިއެވެ.
ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ 24 އޭޕްރިލް 2024 ވީ ބުދަ ދުވަހުގެ ރޭ 7 ގަޑި ސުންމިނެއްޓުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ ޑީން ނާދިޔާ އަހްމަދެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން މި ރަސްމިއްޔާތު ފައްޓަވައިދެއްވީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) ގެ ނައިބު ރައީސާ (ޢިލްމީ) ފާތިމަތު އަހްލާމެވެ. މި ރަސްމިއްޔާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ ޑީން ވަނީ ކުޅުންތެރިންނާ މުޚާތަބުކުރައްވާ، ކުޅުންތެރިންނަށް މި މުބާރާތް ކާމިޔާބު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އަންހެން ޑިވިޝަންގައި މުޅިއަކު 14 ކުޅުންތެރިންގެ އިތުރުން 5 އޮފިޝަލުން ހިމެނެއެވެ. ފިރިހެން ޑިވިޝަންގައި ހިމެނެނީ 12 ކުޅުންތެރިންނާއި 5 އޮފިޝަލުންނެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ ދެ ޓީމުވެސް މަސައްކަތް ކުރަމުން ދަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށެވެ.