ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެންޔޫ.އެސް.ޔޫ) އިން ސިލްސިލާކޮށް ބާއްވަމުންއަންނަ ބަހުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު ޝަރަފްވެރި ކޮށްދެއްވާއިފިއެވެ.
މެއި 17 ވީ ހުކުރު ދުވަހު ހަވީރު އެމް.އެން.ޔޫ ސެންޓަރަލް އޮޑިޓީރިއަމްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި އެމް.އެން.ޔޫގެ ވައިސް ޗާންޗިލަރ ޑރ. ޝެހެނާޒް އާދްމްގެ އިތުރުން މެނޭޖްމެންޓްގެ އިތުރު ބޭފުޅުންނާއި މުބާރާތުގެ ފަޑިޔާރުން އަދި ޔޫނިއަންގެ ހިންގާ ކޮމެޓީގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއަޔާތު ޝަރަފްވެރިކޮށްދެއްވައި ވަޒީރު އާދަމް ނަސީރު ދެއްކެވި ވާހަކަ ފުޅުގައި ވަނީ ކޮންމެ ބަހުސަކީވެސް އެހިނދަކަށް އޮތް މުހިންމު މައްސަލައެއްގެ މައްޗަށް ކުރެވޭ ބަހުސަކަށް ހެދުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި ހަމަމިއާއެކު، ވަޒީރު ވިދާޅުވީ, ބަހުސްގެ ސަބަބުން އައު ވިސްނުންތަކާއި އައު އީޖާދުތަކާއި އުފެއްދުންތެރިކަން އުފަންވާ ކަމުގައެވެ. އެގޮތުން, ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކުރެވޭ ބަހުސުތަކުގެ ހަގީގީ މަޤުޞަދަކީ ދަރިވަރުންގެ ފިކުރީ އުދަރެސް ތަނަވަސްކުރުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެއީ އެކިބާވަތުގެ ޢިލްމުތަކުގެ ދާއިރާއިން ކަމަށާއި, ދުނިޔެއާއި ޤައުމާއި އެކި ސަރަހައްދުތަކާ ގުޅިފައިވާ މައްސަލަތަކާ ބެހޭ ދާއިރާތަކުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މުބާރާތުގެ އިސްފަޑިޔާރު މުޙައްމަދު ޝިފާން ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޝިފާންގެ ވާހަކަފުޅުގައި ވަނީ މުބާރާތުގެ ބައިވެރިންނަށް ބަހުސް ކުރާއިރު ހަދާނުގައި ބަހައްޓަންޖެހޭ މުހިންމު ނުކުތާތައް ފާހަގަ ކުރަށްވާފައެވެ.
މިރަސްމިއްޔާތަށް ފަހު ވަޒީރު ވަނީ މުބާރާތުގެ ފުރަތަމަ ބަހުސް ބައްލަވާލައްވާފައެވެ. މި ބަހުސްގައި ބައްދަލުކުރީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް). މި ދެ ޓީމަކީ ވެސް މި މުބާރާތުގައި ވަރަށް ކާމިޔާބު ދެ ޓީމެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކަށާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެހެނިހެން ކޮލެޖް ޔުނިވަރސިޓީތަކަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމުލަ 9 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
ފޯރިގަދަ އިލްމީ ބަހުސްތަކެއް ފެނިގެންދާ މި މުބާރާތް މި މެއި މަހުގެ 17 އިން 25 ގެ ނިޔަލަށް އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިއަށްދާނެއެވެ.






