ދިވެހިރާއްޖޭގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސްއެސްއެލް) އިން އައްޑޫ ސިޓީއަށް ކުރި ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެސްއެސްއެލް އިން އައްޑޫ ސިޓީއަށް ދަތުރު ކޮށްފައިވަނީ ޖުލައި މަހުގެ 9 އިން 13 އަށެވެ. މި ދަތުރުގައި އެސްއެސްއެލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެސްއެސްއެލްގެ ރައީސް އިސްމާޢީލް ރަޒީން ޢިމްރާން، އެސްއެސްއެލްގެ ގެ ޚަޒާންދާރު ޝަމަން ޢަލީ އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރަޢީސް އަރުޝަދު އަޝްރަފެވެ.
އެސްއެސްއެލް އިން އައްޑޫ ސިޓީއަށް ކުރި ދަތުރުގައި އެމް.އެން.ޔޫ.އެސް.ޔޫގެ އައްޑޫ ހިތަދޫ ކެމްޕަސްގެ ގޮފި ދޮންދީނިގެ ހިންގާ ކޮމިޓީއާ ވަނީ ބައްދަލްކޮށްފައެވެ. އަދި މި ބައްދަލުވުމުގައި ދެފަރާތުން ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދެ ފަރާތުން ގުޅިގެން މި އަހަރު އައްޑޫ ސިޓީއަށް ޚާއްސަ ވާހަކަދެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ހަމަ މިއާއެކު، މި ދަތުރުގައި އެސްއެސްއެލް އަދި ދޮންދީނިގެ ފަރާތުން އައްޑު ސިޓީ ކައުންސިލާއި ބައްދަލުކޮށް ހުރިހާ ފަރާތްތަކުން ގުޅިގެން ހިންގިދާނެ ޙަރަކާތްތަކާ މެދު މަޝްވަރާކުރެވިފައިވެއެވެ. މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ވާހަކަދެއްކުމުގެ މުބާރާތަށް ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި، އިތުރަށް ކުރެވިދާނެ ކަންކަމާމެދުވެސް މި ބައްދުލުވުމުގައި އުއްމީދީ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.
މީގެ އިތުރުން، އެސް.އެސް.އެލް އަދި ދޮންދީނިން ވަނީ އައްޑޫ ސިޓީގެ ގިނަ ސްކޫލްތަކާއި ބައްދަލުކޮށް ވާހަކަދެއްކުމުގެ މުބާރާތާ ގުޅޭ މަޝްވަރާތަށް ކޮށް ޚިޔާލު ބަދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގައި ސްކޫލްތަކުން ފުރިހަމަ ތަރުހީބެއް މި މުބާރާތަށް ލިބޭނެކަމުގައި ސްކޫލްތަކުން ފާހަގަކޮށް މި މަސައްކަތަށް ހިތްވަރު ދީފައިވެއެވެ.
އެސްއެސްއިލް އިސްނަގައިގެން ދޮންދީނިއާއެކު އައްޑޫގައި ބޭއްވުމަށް ނިންމާފައިވާ ވާހަކަދެއްކުމުގެ މުބާރާތް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ. މި މުބާރާތުގައި ސްކޫލްތަކަށް ވާހަކަދެއްކުމުގެ ކެޓެގަރީ އޮތް އިރު އައްޑޫ ސިޓީގެ އެކި މުއައްސަސާތަކަށް އަމާޒުކޮސްފައިވާނީ ބަހުސްކުރުމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަރާތްތަކަށްވެސް ހުޅުވާލައިގެންނެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ.






