ބީ.އެމް.އެލް އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ ގެ މިރޭ ކުޅުނު ގުރޫޕް އޭ އަދި ބީ ގެ މެޗުތަކުން ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލަޖީ (ފެސްޓް) ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރިއިރު، ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ވަނީ އުނދަގޫ މޮޅެއް ހޯދާފައެވެ.
ހުޅުމާލެ ރެހެނދި ދަނޑު ގުރައުންޑް އެކެއްގައި ކުޅެވުނު ގުރޫޕް އޭ ގެ ފުރަތަމަ މެޗުގައި ފެސްޓް އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ކުޅުނު މެޗު 09-00 ގެ ނަތީޖާއަކުން ފެސްޓް ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ފެސްޓް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެސްޓްގެ ޖާޒީ ނަމްބަރ 10 އިޒާން ޝާހިދެވެ.
ގުރޫޕް އޭގެ ދެވަނަ މެޗު ގުރައުންޑް ދޭއްގައި، މޯލްޑިވްސް ޕޮލިޓްކްނިކް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ބައްދަލުކުރި މެޗު 02-02 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާއަކީ އައި.ޔޫ.އެމްގެ ޖާޒީ ނަމްބަރ 13 އަހުމަދު އަނޫފް އަދުނާންއެވެ.
މިފަހަރުގެ މުބާރާތުގެ އެންމެ ވާދަވެރި ގުރޫޕުގެ ގޮތުގައި ފާހަގަވެފައިވާ ގުރޫޕް ބީ ގެ މިރޭގެ ފުރަތަމަ މެޗު ކުޅެފައިވަނީ ރެހެނދި ދަނޑު ގުރައުންޑް އެކެއްގައެވެ. ސްކޫލް އޮފް ނާރސިންގ (އެސް.އެން) އަދި އެފް.އީ ބައްދަލުކުރި މި މެޗުގައި އެފް.އީ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލް ކޮށްފައިވާ އެ ޓީމުގެ ޖާޒީ ނަމްބަރ 41 މުހައްމަދު ސާއިހް އަހުމަދު ޝިހާމްއެވެ.
މިރޭ ކުޅެވުނު އެންމެ ފޯރިގަދަ އެއް މެޗު ކަމުގައިވާ ވިލާ ކޮލެޖު އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ ބީ.އެސް) ވާދަކުރި މެޗު ވެސް ވަނީ 02-02 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މިމެޗުގެ ލީޑް ބީ.އެސް. ގެ ޓީމުން ނަގާފައިވަނިކޮށް ފަހު ވަގުތު ވިލާ އަށް ލިބުނު ފްރީ ކިކް ކާމިޔާބުކޮށް ވިލާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލް ކޮށްފައިވާ ބީ.އެސްގެ ޖާޒީ ނަމްބަރ 11 މުހައްމަދު އަނާން އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މާދަމާ ރޭ ވެސް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމީ ދާއިރާއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މިއަހަރު ކުރިއަށް މިދަނީ ޔޫނިއަންގެ 10 ވަނަ ފުޓްސަލް ފިއެސްޓާއެވެ.






