ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ފަލަސްޠީނާގުޅޭ ޚާއްސަ ޢިލްމީ ފޯރަމެއް ކުރިއަށް ގެންގޮސްފި އެވެ.
މި ފޯރަމް ކުރިއަށް ގެންގޮސްފައި ވަނީ 24 ނޮވެންބަރު 2024ވީ އާދީއްތަދުވަހުގެ ރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ސީ.އޭ އޮޑިޓޯރިއަމްގައެވެ.
މި ފޯރަމް ޝަރަފުވެރި ކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވެސް ބައިވެރިވެޑައިގެންނެވިއެވެ. މީގެއިތުރުން އެމް.އެން.ޔޫ އަދި އައި.ޔޫ.އެމްގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ފޯރަމްގައި ފަލަސްތީނުގެ މައްސަލައަށް ޢިލްމީ ނަޒަރިއްޔާތަކުން ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ފަލަސްޠީނު މައްސަލަ ފެށިގެން އައިގޮތުގެ ރިޕޯޓަކާއި ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ޒަޔަނިޒަމަކީ ކޮބައިކަމާއި މަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ މާތްކަމާބެހޭ ގޮތުންވެސް ވަނީ ޕްރެޒެންޓޭޝަން ހުށަހަޅާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅާފައިވަނީ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ދަރިވަރު ޝަފީނާޒް ނާސިރެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅާފައިވަނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރު އަދި މި ޔޫނިއަންގެ ގޮފި ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯގެ ރައީސް އިސްމާޢިލް ރަޒީން އިމްރާނެވެ.
ޕެނަލް ޑިސްކަޝަނަކާއެކީ ކުރިއަށް ގެންދިޔަ މި ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރ މުޙައްމަދު ދީދީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވިޒިޓިންގ ލެކްޗަރަރ އައިޝައިޚް ޢަލީ ރިޒާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ޕެނަލް މޮޑަރޭޓްކޮށްދެއްވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފުރަތަމަ ދައުރުގެ ރައީސް އައްޝައިޚް ހާތިމް ޔޫސުފެވެ.
ފަލަސްޠީނު ފޯރަމަކީ ޢިލްމީ ނަޒަރިއްޔާތަކުން ފަލަސްޠީނުގެ ވާހަކަ ގެނެސްދިނުމުގެ ބޭނުމުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދެވޭ މިފަދަ ފުރަތަމަ ފޯރަމެވެ. މި ފޯރަމްގެ އިތުރު އެޑިޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެއެވެ.