ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ތާރީޚުގައި ފުރަތަަމަ ފަހަރަށް ތަޖުރިބާ ދަތުރެއްގައި މެލޭޝިއާއަށް ފުރައިފި އެވެ.
ޖުމުލަ 34 ދަރިވަރުންނާއެކު ޔޫނިއަނުން ކުރާ މި ދަތުރުގައި ހިންގާ ކޮމިޓީގެ މެންބަރުންވެސް ބައިވެރިވެއެވެ.
ޖަނަވަރީ 22 އިން 28ގެ ނިޔަލަށް މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރަށް ކުރާ މި ދަތުރުގައި މެލޭޝިއާގެ ޔުނިވަރސިޓީތަކަށާއި މަޝްހޫރު ސަރަހައްދުތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މެނޭޖްމަންޓް ސައިންސްް ޔުނިވަރސިޓީ (އެމް.އެސް.ޔޫ) އަށާއި، އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ (އޭ.ޕީ.ޔޫ) އަށާއި، ޔުނިވަރސިޓީ ކެބަންގްސަން މެލޭޝިއާ (ޔޫ.ކޭ.އެމް) އަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރުމަށްވެސް ވަނި ހަމަޖެހިފައެވެ. ޔުނިވަރސިޓީތަކަށް ކުރާ ޒިޔާރަތްތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އާޢިޝަތު ޝެހެނާޒް އާދަމާއި، ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފްވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ މި ތަޖުރިބާ ދަތުރަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މެންހަޓަން ބިޒްނަސް ހޮޓެލް، އައިކެއާ، ދަމާސް، އަދި ޔޫނިއަނަށް ހެޔޮއެދޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ދަރިވަރުންގެ އަމިއްލަ ބައިވެރިވުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އަދި ދަތުރުގެ ކަންތައްތައް ހަމަ ޖެއްސުމުގައި ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސް ޗާންސެލަރ، ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑީން އޮފް ސްޓޫޑަންޓްސް އަދި މެނޭޖްމަންޓްގެ އިސްވެރިންގެ ފަރާތުން އެހީތެރިކަން ވަނީ ލިބިފައެވެ.
ދަރިވަރުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ދެވޭ މި ތަޖުރިބާގައި މެލޭޝިއާގެ ސަގާފަތާއި، ތަޢުލީމީ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތާއި، މެލޭޝިއާގެ ތާރީޚާގުޅޭ މުހިންމު މަޢުލޫމާތު ދެވިގެންދާނެއެވެ.