ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އަދި ތަރަހަ ގުޅިގެން ”މަދަދުވެރި ހިތަކުން“ މި ނަމުގައި ފަލަސްޠީނަށް އެހީވުމުގެ ގޮތުން ހަރަކާތެއް ފަށައިފިއެވެ.
މި ހަރަކާތް ފެށިގެންގޮސްފައިވަނީ 15 މާރިޗު ވީ ހޮނިހިރު ދުވަހު ހަވީރު 4:30 ގައެވެ. މި ހަރަކާތް ފަށާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. މި ހަރަކާތް ދެން ކުރިޔަށް ދާނީ ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށް ފަހު، އަދި ހަވީރު 4:00 އިން 6:00 އަށެވެ. މި ހަރަކާތް ކުރިޔަށް ދާނީ ސަލްމާން މިސްކިތް، އިސްލާމިކް ސެންޓަރު، ރަސްފަންނު އަދި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.
މި ހަރަކާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ލިބިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުން ލިބިގެންދާ ފައިސާ އިސްލާމިކް މިނިސްޓްރީ އާއި ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ފެސާ އަދި ތަރަހައިގެ އިސްވާރުން ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެ ދިނުމެވެ. ފެސާ އަދި ތަރަހައިން ވެސް ދަނީ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ.





