ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން ކޮންމެ އަހަރަކުވެސް ދަރިވަރުންގެ ހުނަރުތައް ދައްކައިލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ޙަރަކާތެއް ކަމަށްވާ ބީ.އެސް ނައިޓް ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.
މި ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ ރޭ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ބޭއްވި މި ޙަރަކާތުގައި މި ހަރަކާތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގެ ފަރާތުން ގިނަ އައިޓަމްތަކެއް ހުށަހަޅާފައިވާއިރު، ދަރިވަރުންގެ ހުނަރު ވަނީ މީގެ ތެރެއިން ފެނިގެން ގޮސްފައެވެ. ޖުމުލަ 12 އައިޓަމް އެރޭގެ ޝޯވގައި ހުށަހަޅާފައިވާއިރު، ބޮޑުބެރުގެ ފޯރިގަދަ ޙަރަކާތްތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިފަހަރުގެ ބީއެސް ނައިޓްގެ ތީމް އަކީ ދިވެހި ފިލްމް އިންޑަސްޓްރީއެވެ. އެހެންކަމުން ބީއެސްއެސްއޭއިން ވަނީ ދިވެހި ފިލްމް އިންޑަސްޓްރީގެ ބައެއް ފަންނާނުންނަށް ދައުވަތުދީފައެވެ. އެގޮތުން މަރިޔަމް އައްޒަ، އަހުމަދު އީސާ، އަހުމަދު އާސިމް، އަހުމަދު މުހައްމަދުގެ އިތުރުން ވާޝިޔާ މުހައްމަދު ވަނީ މި ޝޯވ ގައި ބައިވެރިވެ ކުދިންގެ ހުނަރުތައް ބަލައި އެކަމަށް ތައުރީފުވެސް ކޮށްފައެވެ.
”މިފަދަ އިތުރު ހަރަކާތްތަކުގެ އިތުރުން ތިކުދިންގެ ކިޔެވުމަށްވެސް މިހާ ޝައުގުވެރިކަން ދޭންވާނެ“ ވާޝިޔާ ދެންނެވިއެވެ.
މި އިވެންޓުގައި ބިޒްނަސް ސްކޫލުން އަބަދުވެސް ކުރިއަށްގެންދާ ”މިސްޓަރ ބީ.އެސް“ އަދި ”މިސް ބީ.އެސް“ވެސް ވަނީ ހޮވާފައެވެ. މި އަހަރު މިސްޓަރ ބީ.އެސްގެ ގޮތުގައި އަހްމަދު އަނޫފް ރަޝީދު ހޮވިފައިވާއިރު، މިސް ބީ.އެސްއަކަށް ހޮވިފައިވަނީ ނޫރާ ހަބީބެވެ. އަދި ހަމައެހެންމެ މިނޫންވެސް އެތަށް އެވޯޑުތަކެއް ވަނީ ކުދިންނަށް ދީފައެވެ.
މި ޝޯވ ނިންމާލަމުން ބީ.އެސް.އެސް.އޭގެ ރައީސް އާދަމް ރާއިފް ވާހަކަ ދައްކަވަމުން ވިދާޅުވީ، ޝޯވގައި ބައިވެރިވި ދަރިވަރުންގެ ފަރާތުން ފެނިގެން ދިޔައީ ހުނަރުވެރިކަމުން ފުރިގެންވާ އައިޓަމްތަކެއް ކަމަށާއި އިވެންޓު ނިމިގެން ދިޔައީ ވަރަށްވެސް ކާމިޔާބުކަމާއެކީކަން އޭނާ ފާހަގަކުރިއެވެ. އަދި މިފަދަ ފުރިހަމަ ކާމިޔާބު އިވެންޓެއް ނިންމާލުމުގެ ފަހަތުގައި އެތަށް ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި އެކަމަށް ޝުކުރު އަދާކުރާކަމަށެވެ.
ބީ.އެސް.އެސް.އޭ އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގައި ގާއިމުކުރެވިފައިވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެކެވެ.





