ގުރުޒުގެ ނޯ ބޭގް ޑޭގައި ދަރިވަރުންގެ އުފެއްދުންތެރިކަން ފެނިގެން ހިނގައްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ގުރުޒުއިން ކުރިއަށް ގެންދިޔަ މި އިވެންޓަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭއްވުނު އިވެންޓެކެވެ.
ދަބަހުގެ ބަދަލުގައި އެހެން ކޮންމެވެސް އެއްޗެއް ގެންނަ ގޮތަށް ކުރިއަށް ގެންދިޔަ މި އިވެންޓްގައި އެކި ކްލާސްތަކުގެ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވެއެވެ. މި އިވެންޓްގައި ދަރިވަރުން ގެނެސްފައިވާ އައިޓަމްތަކުގެ ތެރޭގައި ހެލްމެޓް، ކުޑަ، ޑަސްޓްބިން، ތަށި، ތެލި ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންލާ ރަޖާ ފަދަ ތަކެއްޗަށްވެސް ފޮތް އަޅައިގެން ގެނެސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
މިދިޔަ އަހަރުވެސް ކުޅުދުއްފުށީ ކެމްޕަހުގައި ނޯ ބޭގް ޑޭ ފާހަގަ ކޮށްފައިވާއިރު ވޭތުވެދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު މިއިވެންޓަށް ލިބިފައިވާ ތަރުހީބު ބޮޑުކަން ފާހަގަ ކުރެވިފައިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ތަފާތު ހަރަކާތްތައް ހިންގަން ގުރުޒުން ރާވާފައިވެއެވެ.






