ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީއެސްއެސްއޭ) އިން ސިލްސިލާކޮށް ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ”ބީ.އެސް.އެސް.އޭ ފުޓްސަލް ޗެމްޕިއަންޝިޕް 2025“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއަހަރުގެ މުބާރާތް ބޭއްވީ އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ އެސޯސިއޭޝަން (އެސްޓާ) އާއި ގުޅިގެންނެވެ. ބީއެސްއެސްއޭ ފުޓްސަލް ޗެމްޕިއަންޝިޕްއަކީ މި އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އެންމެ ބޮޑު އަދި އެންމެ ގިނަ ދަރިވަރުން ބައިވެރިވާ މުބާރާތެވެ. އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް މި މުބާރާތުގައި 100 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު 14 ވަނަ ދުވަހު އެކި ދަންފަޅިތަކަށް ބަހާލައިގެންނެވެ. މުބާރާތުގެ މެޗުތައް ކުޅުނީ ހުޅުމާލެ ރެޑްބުލް ދަނޑުގައެވެ.
މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންގޮސްފައިވަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން އަންހެން ޑިވިޝަންގައި 2 ޓީމް ބައިވެރިވި އިރު ފިރިހެން ޑިވިޝަންގައި 8 ޓީމް ވަނީ ބައިވެރިވެފައެވެ.
އަންހެން ޑިވިޝަންގެ ޓީމްތައް:
- ހޮޓްޝޮޓްސް
- އެސްޓަރ ޔުނައިޓެޑް
ފިރިހެން ޑިވިޝަންގެ ޓީމްތައް:
- ޓީމް ތިރީސް
- އެފް.ސީ ފީނިކްސް
- އަންގަބޫލަބަލް
- މިއޯ އެފް.ސީ
- އެސް.ޔޫ ވައިބްސް
- ރެޑް ބްރިޑްޖް
- ކަރާ އެފް.ސީ
- ޓޯމެންޓަރ އެފް.ސީ
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ގްރޫޕް ސްޓޭޖްގެ އުސޫލުންނެވެ. އެހެންނަމަވެސް އަންހެން ޑިވިޝަންގެ ކުޅުނީ ފައިނަލް މެޗު އެކަންޏެވެ. އެގޮތުން ހޮޓްޝޮޓްސް އަދި އެސްޓާ ޔުނައިޓެޑް ބައްދަލު ކުރި ފައިނަލް މެޗުން 2-7 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ތަށި ނަގާފައިވަނީ ހޮޓްޝޮޓްސް ޓީމުންނެވެ.
ފިރިހެން ޓީމުގެ ގްރޫޕް ސްޓޭޖް އޭގެ އެއްވަނަ ނަގާފައިވަނީ ކަރާ އެފް.ސީ އިންނެވެ. ދެވަނަ ނަގާފައިވަނީ އެސް.ޔޫ ވައިބްސް އިންނެވެ. އަދި ގްރޫޕް ސްޓޭޖް ބީގެ އެއްވަނަ ނަގާފައިވަނީ ރެޑް ބްރިޑްޖް އިންނެވެ. އަދި ދެވަނަ ނަގާފައިވަނީ އެފްސީ ފީނިކްސް އިންނެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކަރާ އެފް.ސީ އާއި އެފްސީ ފީނިކްސް ބައްދަލުކޮށް 1-10 ގެ ނަތީޖާއަކުން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ކަރާ އެފް.ސީ އެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެސް.ޔޫ ވައިބްސް އަދި ރެޑް ބްރިޑްޖް އެވެ. މި މެޗުގައި 0-1 ގެ ނަތީޖާއަކުން ފައިނަލުން ޖާގަ ކަށަވަރު ކުރީ އެސް.ޔޫ ވައިބްސް އެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލުގައި އެސް.ޔޫ ވައިބްސް އަދި ކަރާ އެފް.ސީ އިން ބައްދަލުކުރި މެޗުގައި ކަރާ އެފް.ސީ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މި މެޗުން 0-8 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ތަށި ނަގާފައިވަނީ ކަރާ އެފް.ސީ އިންނެވެ.
މި މުބާރާތަކީ ބީއެސްއެސްއޭއިން ބިޒަންސް ސްކޫލްގެ ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތާކެވެ.
ބީއެސްއެސްއޭގެ އަމާޒަކީ އަންނަ އަހަރުވެސް މި މުބާރާތް މިއަށް ވުރެ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމެވެ.






