ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް ތަމަސީލުކުރާ ގޮފި، ”ތަރަހަ“ އިން އިންތިޒާމުކޮށްގެން ބޭއްވި 1447 ވަނަ އަހަރުގެ ރޯދަވީއްލުން ވަރަށް ފޯރިގަދަކޮށް ކުރިއަށް ގެންގޮސްފިއެވެ.
މި ރޯދަވީއްލުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ މެންބަރުންނާއި، އެޑްވައިޒަރީ ބޯޑުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެފައެވެ. މި އިވެންޓުގައި ޖުމްލަ 16 ލީޑަރުން ބައިވެރިވެފައިވާއިރު، މާލޭ ކެމްޕަސްތަކުގެ ކޮންމެ ވިންގަކުން ދެ މެންބަރަކު ވަނީ މި ހަރަކާތުގައި ތަމްސީލުކޮށްފައެވެ.
މި ރޯދަވީއްލުމުގެ ސުފުރާމަތިން ތަފާތު އެކި ބާވަތްތަކުގެ މީރު ކާބޯތަކެތި ފެނިގެންދިޔައިރު، މިއީ ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވުނު ހަރަކާތެކެވެ. ރޯދަވީއްލުމުގެ ވަގުތުގައި ކުދިންގެ މެދުގައި އެކި ވާހަކަތައް ދައްކައި، މަޖާ މާހައުލެއްގައި ވަގުތު ހޭދަކޮށްފައިވެއެވެ.
މިފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކަކު އަނެކަކަށް އެހީތެރިވެދޭނެ މާހައުލެއް ޤާއިމުކުރުމަށް ”ތަރަހަ“ އިން އިސްނަގައިގެން ބާއްވަމުން އަންނަ މުހިންމު ހަރަކާތްތަކެކެވެ.





