ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ދެވަނަ އަށް އެންމެ ބޮޑު ކުޅިވަރު ހަރަކާތް، 12 ވަނަ ވެސްޓްރޭޑް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މިރޭގެ ފުރަތަމަ މެޗުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން ވަނީ 2-0 ސެޓުން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)ގެ މައްޗަށް ކުރި ހޯދައިފި އެވެ.
މެޗުގެ ފުރަތަމަ ސެޓު އެމް.އެން.ޔޫ.ބީ.އެސް އިން 25-15 އިން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓް 25-19 އިން ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާޒީ ނަންބަރު 10 އަޙްމަދުﷲ މުޙައްމަދު ސަދާތެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މިރޭގެ ދެވަނަ މެޗުގައި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ވަނީ 2-0 ސެޓުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ މައްޗަށް ކުރި ހޯދާފައެވެ.
ސީ.އެފް.އެސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ސީ.އެފް.އެސް އިން 25-16 އިން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓު 25-20 އިން ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ޖާޒީ ނަންބަރު 7 އަޙްމަދު އައިހަމް އާމިރެވެ.
ފިރިހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އިން ނުކުތީ ކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް މި މެޗުގައި ފެނުނު ނަމަވެސް، ސީދާ ދެ ސެޓުން މި މެޗު އެފް.އެޗް.އެސް އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ ދެ ސެޓުވެސް ފެށިގެން ލީޑުކޮށްގެން ކުޅުނީ ފެސްޓުންނެވެ. އެކަމަކު ސެޓުގެ ފަހުކޮޅު އެ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ހެދި ދެ ސެޓުވެސް ގެއްލުނީ އެވެ.
މި މެޗުގެ ސެޓުތައް ދިޔައީ، 25-21 އަދި 25-23 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.އެޗް.އެސްގެ ޖާޒީ ނަންބަރު 8 އަރުޝަދު އަޝްރަފެވެ.
ފިރިހެން ޑިވިޝަނުގެ މިރޭގެ ފަހު މެޗުގައި ސްކޫލް އޮފް ނާސިންގ އާއި ސްކޫލް އޮފް މެޑިސިން ބައްދަލުކޮށްފައިވާއިރު، މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އެސް.އެން އިން ނެވެ.
މެޗުގެ ސެޓުތައް ދިޔައީ، 25-07 އަދި 25-06 އިން ނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކޫލް އޮފް ނާސިންގެ ޖާޒީ ނަންބަރު 19 ޢަބްދުއްޝަކޫރު ޢަބްދުއްސައްތާރެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސްޓްރޭޑެވެ. މީގެ އިތުރުން ޑިޖިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހިމެނެ އެވެ.





