ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތް، 12 ވަނަ ވެސްޓްރޭޑް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި އެމް.އެން.ޔޫ.ބީ.އެސް އަދި އެސް.އެން އިން ކުޅުނު 3 މެޗުން މޮޅުވެ ސެމީ ފައިނަލުން ޖާގަ ޔަގީންކޮށް ތަވާލުގައި ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދަައިފިއެވެ.
ހޮނިހިރު ދުވަހުގެ ހަވީރުގައި އަންހެން ޑިވިޝަނުގެ މެޗުތައް ކުޅުނުއިރު، މިއަދުގެ އެންމެ ފުރަތަމަ މެޗުގައި ވާދަކުރީ އަންހެން ޑިވިޝަނުގެ ގްރޫޕް ބީ އިން ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)އެވެ. މި މެޗު ފަސޭހަ ކަމާއެކު އެފް.އީ އިން ކާމިޔާބު ކުރީ ސީދާ 2 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-11 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.އީ ގެ ޖަރޒީ ނަންބަރު 09، މަލްދާ މުޙައްމަދެވެ. މިއާއެކު އެފް.އީ އިން ވަނީ ސެމީ ފައިނަލާއި ކައިރިއަށް ޖެހިލައިފައެވެ.
އަންހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އަދި ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީސް (ސީ.އެސް.އެސް) ވާދަ ކުރިއިރު މި މެޗު ސީއެ.އެފް.އެސް.އިން ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-17 އަދި 25-16 އިންނެވެ. މި މެޗުގައި، އެންމެ މޮޅު ކުޅުންތެރިޔަކަށް ސީއެ.އެފް.އެސް.އިން، ޖާރޒީ ނަންބަރު 19، ލީމް އަޙްމަދު ލަތީފްވަނީ ހޮވިފައެވެ. މިއާއެކު ސީއެ.އެފް.އެސް.އިން، ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލާ ގާތައް ޖެހިލައިފައެވެ.
ތިންވަނަ މެޗުގައި ފެކަލްޓީ އޮފް ޝަރިއްޔާ އެންޑް ލޯ (އެފް.އެސް.އެލް) އާ ދެކޮޅަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން، ނުކުތްއިރު، މި މެޗު ގެ ލީޑުނަގާ ސީދާ ދެ ސެޓުން ކާމިޔާބުކުރީ އެމް.އެން.ޔޫ.ބީ.އެސް އިންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-11 އަދި 25-5 އަކުންނެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރު 17، ޢާއިޝަތު ނަސްމާ އަޙްމަދެވެ. މި މެޗާއެކު، އެމް.އެން.ޔޫ.ބީ.އެސް އިން ވަނީ މި މުބާރާތުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ސެމީ ފައިނަލްއަށް ދަތުރުކޮށްފައެވެ.
އަންހެން ޑިވިޝަނުގެ މިއަދުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީއެސް) އަދި ފެކަލްޓީ އޮފް ސްކޫލް އޮފް ނާރސިންގެވެ. މިއީ މި މުބާރާތުގައި، ޗެމްޕިއަން އެސް.އެން އިން ކުޅުނު ތިންވަނަ މެޗަށްވީ އިރު، މި މެޗު ވެސް ސީދާ ދެ ސެޓުން އެސް.އެން ކާމިޔާބު ކޮށް، ސެމީ ފައިިނަލްއިން ޖާގަ ކަށަވަރުކޮށްފައިވެއެވެ. މި މެޗުގައި އެސް.އެން އިން ޖާރޒީ ނަންބަރު19، މަނާލް އިސްމާޢިލް ރަޝީދުވަނީ މި މެޗް ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-04 އަދި 25-14 އިންނެވެ.
މި މުބާރާތުގައި މިއަދު ކުޅެވިގެންދިޔައީ އަންހެން ޑިވިޝަންގެ 4 މެޗު އަދި ފިރިހެން ޑިވިޝަންގެ 4 މެޗެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސްޓްރޭޑެވެ. މީގެ އިތުރުން ޑިޖިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހިމެނެ އެވެ.





